ޖަޕާނު ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ސީސީޓީވީ ކެމެރާ އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިޔާތެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވައި ޖަޕާނާއި ޔޫއެންއޯޑީސީގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.
ފުލުހުންގެ މުއައްސަސާއަށް ޖަޕާނު ސަރުކާރާއި ޔޫއެންއޯޑީސީގެ ފަރާތުން ވެއްދެއްވާ އެހީތެރިކަން މި ރަސްމިއްޔާތުގައި ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.
ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މީގެކުރިން ވެސް ޚިދުމަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައިވެއެވެ. އޭގެ ތެރޭގައި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކަރސަރ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓު ހިމެނެއެވެ.
ޖަޕާނު އެމްބަސީން ބުނި ގޮތުގައި އެ ތަކެއްޗަކީ ގާތްގަނޑަކަށް 2.5 މިލިއަން ޑޮލަރު ނުވަތަ 38.5 މިލިއަން ރުފިޔާގެ އަގުގެ ތަކެތިކަމަށެވެ.
ޖަޕާނު އެމްބަސީން ބުނީ އެ ސާމާނު ސެޓަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި، މަސްވެރިކަމުގެ ސިނާއަތުގައި ހިނގާ ކުށްތަކާއި، ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ތަންތަނަށް އަސަރުކުރާ ކުށްތައް ހަރުދަނާ ގޮތެއްގައި ހުއްޓުވުމަށް ބޭނުންހިފޭނެ ތަކެތި ކަމަށެވެ.
އަދި އެއީ އެފަދަ ކުށްތައް ދެނެގަނެ، ތަހުގީގުކޮށް، ދައުވާ ކުރުމުގައި ދިވެހި ސަރުކާރަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ހަދިޔާކުރި ތަކެތި ކަމަށް ވެސް ބުނެފައިވެއެވެ. މީގެ ސަބަބުން މާލެއާއި ދުރު ރަށްތަކުގައި ވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެ އެމްބަސީން ބުނެއެވެ.