ޚަބަރު

ލާމަރުކަޒީ ގުޅުން ކޮންފަރެންސް އެމްޑީޕީން ކުޅުދުއްފުށި ސިޓީގައި ފަށައިފި


  • މި ކޮންފަރެންސްގައި ލާމަރުކަޒީ ނިޒާމާއި ގުޅޭ މުހިންމު މަޝްވަރާތައް ކުރެވޭނެ ކަމަށް އެމްޑިޕީން ބުނޭ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ކުރިއަށްގެންދާ "ލާމަރުކަޒީ ގުޅުން – ކައުންސިލަރުންގެ ކޮންފަރެންސް" ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.

މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީގައި ފެށި މި ކޮންފަރެންސަކީ ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލުތަކާޢި ގުޅިގެން އެޕާޓީގެ ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށާއި، އެ ނިޒާމާގުޅޭ މަޝްވަރާތައް ކުރުމަށް އެޕާޓީން ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސް ކުރިއަށްދަނީ އުތުރުގެ ތިން އަތޮޅުގެ ރަށްތަކުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެމްބަރުންނަށް ޚާއްސަކޮށްގެން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކުގައެވެ. އެގޮތުން ބޮޑު ތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ 55 ކައުންސިލަރުންނާއި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން ވެސް މި ކޮންފަރެންސްގައި ބައިވެރިވާކަަމަށް އެޕާޓީން ބުނެއެވެ.

އެމްޑީޕީން ބާއްވާ ކޮންފަރެންސާއި ގުޅޭގޮތުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކޮންފަރެންސްގެ ތެރެއިން މުހިންމު މަޝްވަރާތަކެއް ކުރެވި ތަނަވަސް ހިޔާލުތަކެއް ބަދަލުކުރެވޭނެ ކަމަށެވެ. އޭނާ ވަނީ އެމްޑީޕީއަކީ ރާއްޖެއަށް ޒަމާނީ ލާމަރުކަޒީ ނިޒާމެއް ގެނެސް އޭގެ ފައިދާ ހޯދައިދިން ޕާޓީކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ނިންމުމަށް އެމްޑީޕީގެ ފާޑުކިއުން އަމާޒުކޮށްފައިވާއިރު، ލާމަރުކަޒީ ނިޒާމަށް އިސްލާހުތައް ގެންނައިރު، އެކަމުގެ ތަޖުރިބާ ހުރި ބޭފުޅުންގެ ލަފަޔާއެކު އެމަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ލަފާ ދެއްވާފައިވާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހަމަކޮށްފައެވެ. އަދި ނިޒާމާއި މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ޤައުމީ ޔުނިވާސިޓީ މެދުވެރިކޮށް ދިރާސާއެއްކޮށްފައިވާއިރު، ނިޒާމަށް ބަދަލު ގެންނާނީ ރައްޔިތުންގެ ހިޔާލާއެކު ކަމަށް ސަރުކާރުން ވިދާޅުވެއެވެ.