ފިސްކަލް ރިފޯމްގެ މަސައްކަތް ކުރެވޭނީ ރަނގަޅު ފައިނެންޝިއަލް ރިޕޯޓެއް އޮވެގެންކަމަށް ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވީ މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވަރކް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވަރކް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ މިވަގުތު ރާއްޖޭގެ މާލީ ޙާލަތު ނާޒުކު ކަމަށެވެ. ނަމަވެސް މާލީ ދަތިތަކާއި ދަރަނިން އަރައިގަތުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.
އޮޑިޓަރ ޖެނެރަލް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ޚަރަދު ކުޑަ ކުރުމުގެ މަސައްކަތްތައް ކުރެވޭނީ ރަނގަޅު ފައިނެންޝިއަލް ރިޕޯޓަކާއި ދެމެހެއްޓެނިވި ގޮތެއްގައި މާލީ މުޢާމަލާތްތައް އޮޑިޓު ކުރެވިގެން ކަމަށެވެ.
ނިޔާޒީ ވިދާޅުވީ މިމަހުގެ ތެރޭގައިވެސް މުހިންމު އޮޑިޓު ރިޕޯޓުތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ މާލީ ޙާލަތު ހިމެނޭ 2023 ވަނަ އަހަރުގެ ސަރުކާރުގެ ފައިނެންޝިއަލް ސްޓޭޓްމެންޓްސް ރިޕޯޓުގެ މަސައްކަތް މިހާރު ނިމެން ގާތްވެފައިވާކަން ނިޔާޒީ ފާހަގަކުރެއްވިއެވެ.
"ރިޕޯޓުތަކުގައި އަޅުގަނޑުމެން ހިމަނަން ޚަރަދުތައް ވަކި ގޮތަކަށް ހުރެއްޖެނަމަ އިންޓަރެސްޓް ރޭޓަށް އައިސްދާނެ ބަދަލުތަކާއި ބާޒަރަށާއި ދަރަނީގެ ޙާލަތައް ކޮށްފާނެ ނުރަނގަޅު އަސަރުތަކާބެހޭ މަޢުލޫމާތު. އަދި އަޅުގަނޑުމެން ކިޔައިދެން ޑެޕްޓް މެނޭޖްމެންޓް ސްޓްރެޓެޖީތައް ހެދޭނެ ގޮތްތައް. ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިސްކަންދީގެން ދެމެހެއްޓެނިވި ގޮތެއްގައި ދެއްކޭނެ މިންވަރަށް ދަރަނި ނަގައިގެން މަސައްކަތްކުރެވޭނެ ގޮތްތައްވެސް އަޅުގަނޑުމެން ރިޕޯޓުގައި ހިމަނަން." ނިޔާޒީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވަރކް ވަނީ އިފްތިތާޙްކޮށްފައެވެ. މި ފްރޭމްވަރކް ތައްޔާރުކޮށްފައިވަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމާއި ކެޕިޓަލް ޑިވެލޮޕމްމެންޓް އޮތޯރިޓީ ގުޅިގެންނެވެ.
ދިވެހިރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުންވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ޚަރަދު ކުޑަ ކުރުމަށް ވަނީ އަންގާފައެވެ. އަދި އެކުވެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން މާލީ އެހީތެރިކަން ޔަޤީންކޮށް، ހުރިހާ އިންވެސްޓަރުންނާއެކުވެސް ރަނގަޅު ގުޅުމެއް ދެމެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.