ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު ކާގޯ ޝިޕިން ލައިންގެ ބޯޓެއް ރާއްޖޭގައި ބަނދަރުކޮށްފި


  • ބޮޑު ޝިޕިން ލައިނާތަކުން ރާއްޖެއަށް ކާގޯ ގެންނަން ފަސޭހަވާނެ

  • ދުނިޔޭގެ އެންމެ ބޮޑު ކާގޯ ޝިޕިން ލައިންގެ ބޯޓުން 800 ކޮންޓެއިނަރު ގެނެސްފައިވޭ

ދުނިޔޭގެ އެންމެ ބޮޑު ކާގޯ ޝިޕިން ލައިންކަމަށްވާ މާއަސްކް ލައިންސް، އެމްއެސްސީގެ ބޯޓެއް ރާއްޖޭގައި ބަނދަރުކޮށްފިއެވެ.

މިއަދު ރާއްޖެއަށް ބަނދަރުކޮށްފައިވަނީ އެމްއެސްސީގެ "އެމްއެސްސީ މަނަސާ އެފް" ނަމަކަށް ކިޔާ ބޯޓެކެވެ. މި ބޯޓަށް މަރުހަބާ ކިއުމަށް މާލެ ވިޔަފާރި ބަނދަރުގައިވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މިހަފްލާގައި އެމްޕީއެލްއިންވަނީ އެބޯޓަށް ވޯޓަރ ސެލިއުޓެއް ދީފައެވެ.

އެމްއެސްސީ މަނަސާ އެފް ބޯޓު ރާއްޖެ އައުން ފާހަގަކުރުމަށް މާލޭގެ ވިޔަފާރި ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި ބޯޓުގެ ކެޕްޓަނަށް އެމްޕީއެލްގެ އަދި ސެންޗޫރިއަންގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ބޯޓު ރާއްޖެ ގެނެސްފައިވަނީ ސެންޗޫރިއަންއިންނެވެ. ސެންޗޫރިއަންއަކީ މުދާ ގެނެސް، އުފުލައިދޭ ރާއްޖޭގެ ލޮޖިސްޓިކްސް ކުންފުންޏެކެވެ.

މިރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީޙް އިބްރާހިމް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިނުން ރާއްޖެއަށް ކާގޯ ގެންނަން ފެށުމަކީ މުދާ ގެންނަ ފަރާތްތަކަށް ލިބޭ ބޮޑު ލުޔެއް ކަމަށެވެ. ވަޖީހުވަނީ ގިނަ އަދަދެއްގެ ކާގޯ ރާއްޖެ ނުގެނެވި ފުނި ޖެހިފައިހުރިކަން ފާހަގަކުރައްވާފައެވެ.

"ރާއްޖެއަށް ގެންނަންޖެހޭ ބައިވަރު ކާގޯ އެބަހުރި އިންޑިޔާ، ސިންގަޕޫރު، ލަންކާ މިތަންތަނުގައި ފުނި ޖެހިފައި. މިފަދަ ބޮޑު ލައިނާއަކުން ރާއްޖެއަށް ކާގޯ ގެންނަން ފެށުމަކީ ވިޔަފާރިވެރިންނަށާއި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ލިބުނު ބޮޑު ކުރިއެރުމެއް." ވަޖީޙު ވިދާޅުވިއެވެ.

ވަޖީޙު ވިދާޅުވީ ބޮޑެތި ޝިޕިން ލައިނާތަކުން ރާއްޖެއަށް ކާގޯ ގެންނަން ފެށުމުން، ރާއްޖެއަށް މުދާ ގެނައުމުގައި ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ.

އެމްއެސްސީގެ ބޯޓުން 800 ކޮންޓެއިނަރ ރާއްޖެ ގެނެސްފައިވެއެވެ. މިކޮންޓެއިނަރތަކުގައި ހިމެނެނީ ޖެނެރަލް ކާގޯއެވެ.