މަރުޙޫމް ޢަބްދުލްމަޖީދު މާހިރަކީ ޚިދުމަތްތެރި، ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއްކަމަށް ރައީސުލްޖުމްހޫރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން ނުހަނު ޤަދަރުވެރި، ޚިދުމަތްތެރި އަދި ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއް ކަމުގައިވާ ޢަބްދުލްމަޖީދު މާހިރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުކަމަށް ވިދާޅުވެފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) October 3, 2024
ދިވެހިރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން ނުހަނު ޤަދަރުވެރި، ޚިދުމަތްތެރި، ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއް ކަމުގައިވާ ޢަބްދުލްމަޖީދު މާހިރު އަވަހާރަވި ޚަބަރު އަޅުގަނޑު އަޑު އެހީ ފުން ހިތާމައާއެކުގައެވެ.
މަރުޙޫމް ޢަބްދުލްމަޖީދު… pic.twitter.com/G2VQjP7JUn
ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމް ޢަބްދުލްމަޖީދު މާހިރަކީ، މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސްކަމުގެ އިތުރަށް، ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. އަދި މަރްޙޫމު މާހިރަކީ ދިވެހި ބޭސްވެރި ޙަކީމެއްކަމާއި، ދިވެހި ތާރީޚާއި އާދަކާދައިގެ އެތައް މަޢުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވައިދެއްވި އުސްތާޛެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ މަރުހޫމް މާހިރަކީ ޤައުމަށް ޚިދުމަތްތެރި ޢިލްމީ ޤާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެއްކަމަށްވެސް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމް ޢަބްދުލްމަޖީދު މާހިރުގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުން އެދި ވަނީ ދުޢާ ދަންނަވާފައެވެ.
އުމުރުފުޅުން 96 އަހަރުގައި އަވަހާރަވި ޢަބްދުލްމަޖީދު މާހިރަކީ ކުރީގެ ރައީސް އިބްރަހީމް ނަސީރަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
ޢަބްލްމަޖީދަކީ ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް އަދި މީގރ ކުރިން ދިވެހިރާއްޖެއިން އިންގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޑރ. ފަރަހަނާޒް ފައިސަލްގެ ބާއްޕާފުޅެވެ.
ޢަބްދުލްމަޖީދު ވަނީ ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާފައެވެ. އެގޮތުން މާލޭ މުނިސިޕަލްޓީގެ ރައީސްކަން 1960 އިން 1961 ވަނަ އަހަރަށް އަދާކުރެއްވިއެވެ. އަދި އެމްޑަބްލިއުއެސްސީގައިވެސް އިސް މަޤާމުތަކެއް ފުރުއްވާފައިވެއެވެ. އަދި ސަރުކާރުގެ އެހެން ބައެއް އިސް މަޤާމުތައްވެސް ޢަބްދުލްމަޖީދު ވަނީ ފުރުއްވާފައެވެ.
ދިވެހި ތަރީޚަށް ޚިދުމަތްކުރެއްވި، އަދި ދިވެހި ބޭސްވެރިކަމުގައި ދާއިރާން ޢަބްދުލްމަޖީދު މާހިރު ވަނީ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ދިވެހި ބޭސް ކްލިނިކެއްވެސް ޢަބްދުލްމަޖީދު މާހިރު ހިންގެވިއެވެ.