ފަތުރުވެރިކަމުގެ ސިނާޢަތުން ބޭންކިން ނިޒާމަށް ވަންނަނީ އެންމެ ތިނެއް އިންސައްތަ ޑޮލަރުކަމަށާއި، ނަމަވެސް އައު ޤަވާއިދާއެކު ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުގެ ޢަދަދު އިތުރުވެ ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑު އިތުރުވާނެކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު މިހެން ވިދާޅުވީ، ރާއްޖޭގެ ބޭންކިން ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ނިސްބަތް އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާގޮތަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން އައު ޤަވާއިދެއް އެކުލަވާލުމާއި ގުޅިގެން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްއެމްއޭއިން މިދިޔަ ހަފްތާގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑަށް ފަހު ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރުފައިސާގެ ޢަދަދު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. މީގެ ސަބަބުން ބޭންކިން ނިޒާމަށް މާރުކުރެވޭ ބޭރުފައިސާގެ ޢަދަދު މަދުވެފައިވާއިރު، އެކަމުގެ ސަބަބުން ބޭރުފައިސާ ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފައެވެ.
އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި، ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު ވެއްދުން މަދުވެފައިވާއިރު، ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން 2019 ވަނަ އަހަރު ބޭންކުތަކުން 152.5 މިލިއަން ޑޮލަރު މާރުކޮށްފައިވާއިރު، 2023 ވަނަ އަހަރު މާރުކޮށްފައިވަނީ އެންމެ 68 މިލިއަން ޑޮލަރެވެ. މިއީ ފަތުރުވެރިކަމުގެ ސިނާޢަތުން ވަދެފައިވާ ޑޮލަރުގެ އެންމެ 3 އިންސައްތައެވެ.
ނަމަވެސް އައު ގަވާއިދާއެކު އެ ނިސްބަތް އުތުރުވާނެކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
"މިބަދަލުގެތެރެއިން އުންމީދަކީ އިތުރުވެގެން ދިއުން، އަޅުގަނޑުމެންގެ ހިސާބަކީ %10 ނުވަތަ %15 ވަންނާނެލަމަށް. އޭގެ ނަފާ ބީއެމްއެލާއި ބޭންކުތަކަށްކުރާނެ." އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވިއެވެ.
ބޭރު ފައިސާގެ މައްސަލަ ހައްލުކުރުކުރުމަށް ގެނެސްފައިވާ އިޞްލާހުގެ ދަށުން، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ދިވެހި ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކަރުން ލާޒިމް ކޮށްފައިވެއެވެ. މިގޮތުން ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރުން ލާޒިމްކޮށްފައިވާއިރު، ރަށްރަށުގެ ގެސްޓް ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 25 ޑޮލަރު ބޭންކަށް މާރުކުރަންޖެހެއެވެ.
"ކޮންމެ ރިސޯޓަކަށް އަންނަ ޓުއަރިސްޓަކަށް 500 ޑޮލަރު. ގެސްޓު ހައުސްތަކަށް 25 ޑޮލަރު. ނިސްބަތުން ވަރަށް ކުޑަކުޑައެއްޗެއް. އެ މާރުކޮށްދެއްވީމަ، އަޅުގަނޑުމެންގެ ބޭންކުތަކަށް ދިމާވެން އުޅޭ ޑޮލަރު ދަތިކަން (ހައްލުވާނެ). މިސާލަކަށް ބީއެމްއެމްއަށް މިހާރުވެސް ބޭނުންވޭ މަހެއްގެ މައްޗަށް 13 އާއި 18 މިލިއަން ޑޮލަރު. އަޅުގަނޑުމެންގެ ވިސްނުމަކީ 40 އިންސަތައް ބޭންކުތަކައި ބަހައްޓާފައި އަނެއް 60 އިންސައްތަ އެމްއެމްއޭއަށް ގަތުން" ގަވަރުނަރު ވިދާޅުވިއެވެ.
މިގޮތަށް އެމްއެމްއޭއަށް ބޭރުފައިސާ ނަގަން ފެށުމުން، އެ ނަގާފައިސާ އަނބުރާ ބޭންކުތަކަށް ބޭނުންވާ ބޭރުފައިސާ ހަމަޖެއްސުމަށް ދިނުމުން ޑޮލަރު ލިބުމުގެ މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.
މަރުކަޒީ ބޭންކުން ވިދާޅުވީ، އެމްއެމްއޭއަށް މާރުވާ ފައިސާއިން މިހާރު ބޭންކުތަކަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަންގެ ގޮތުގައި އަހަރެއްގެ މައްޗަށް ދެވެނީ 300 ނުވަތަ 400 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި ބަދަލާއެކު އެ ބައި ދެގުނަ ކުރެވޭނެކަމަށް އެމްއެމްއޭއިން މަރުކަޒީ ބޭންކުން އަންދާޒާކުރެއެވެ. އަދި މީގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޭނުންވާ ޑޮލަރު ބޭންކުތަކަށް ދަތިތަކެއް ނެތި ފޯރުކޮށްދެވޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
"މިހާރުވެސް ވަރަށް ގިނަ ބޭފުޅުންނަށް އޮޅޭއެއްޗެއް ފުރާކޮންމެ މީހަކަށް ބީއެމްއެލްއޭ 500 ޑޮލަރު މިދެނީ. ހަޤީޤަތަކީ އެމްއެމްއޭއިން ލިބޭ 25 އިންސައްތައިގެ ތެރެއިން މިފައިސާ ދެނީ. އެމްއެމްއޭއިން ފުރާ ކޮންމެ ރައްޔިތަކަށް 500 ޑޮލަރު ދެވޭ ކަމަށްވާނަމަ އަޅުގަނޑުގެ އުއްމީދަކީ އަޅުގަނޑުމެން ފަތުރުވެރިކަމުގެ އިންޑަސްޓްރީން އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ދިނުމަކީ ރަނގަޅު ކަމެކޭ." ގަވަރުނަރު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ބޭރަށް ފައިސާ ފޮނުވުމަށާއި ވިޔަފާރި ކުރުމަށް އަދި އެހެނިހެން ކަންކަމުގައި ގެންގުޅޭ ލިމިޓްތަކަށް ބަދަލު ގެނެވޭނެކަމަށް އެމްއެމްއޭއިން ޤަބޫލުކުރެއެވެ. ގަވަރުނަރު އަޙްމަދު މުނައްވަރު ވަނީ ބޭންކުތަކަށް ނުލިބޭ ފައިސާއެއް ދިނުމަށް ދަތިވާނެކަން ފާހަގަކުރައްވާ، މިކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާވެ ހެޔޮ ބަދަލެއް އަންނާނެކަމަށް ވިދާޅުވެފައެވެ.