ޚަބަރު

ހޮޓެލް ސްކޫލެއް ތަރައްޤީކުރުމުގެ މަސައްކަތްދަނީ ކުރަމުން: ވަޒީރު ފައިޞަލް


  • ރާއްޖޭގައި ހޮޓެލް ސްކޫލެއް ތަރައްޤީކުރުމަކީ ރައީސްގެ ވައުދުފުޅެއް

  • މިކަމާއި ގުޅޭގޮތުން ސްވިޒަރލޭންޑުގެ ހޮޓެލް ސްކޫލަކާއި އެކު މަޝްވަރާކޮށްފައިވޭ

  • މިކަން ހާސިލްވާނެކަމުގެ އުއްމީދުބޮޑު ކަމަށް ވަޒީރު ވިދާޅުވި

ރާއްޖޭގައި ހޮޓެލް ސްކޫލެއް ތަރައްޤީކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

މިގޮތުން މިދާއިރާއިން ތަމްރީންތައް ދިނުމަށްޓަކައި ރާއްޖޭގައި ހޮޓެލް ސްކޫލެއް ތަރައްޤީކުރުމަށް ނިންމަވާފައިވާ ކަމަށެވެ. ރާއްޖޭގައި ހޮޓެލް ސްކޫލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ވަޒީރު ވިދާޅުވީ މިކަމާގުޅޭގޮތުން ސްވިޒަރލޭންޑުގެ ހޮޓެލް ސްކޫލަކާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

"އެތަން ޑިވެލޮޕްކުރުމުގެ މަސައްކަތް ރައީސް ބޭނުންފުޅުވަނީ ވަކި ރަށެއްގައި ކުރަން، ޓޫރިޒަމްވެސް އެތަނުގައި ކުރިއަށްދާގޮތަށް ކުރަން، މިނިސްޓްރީއިން މަސައްކަތްކުރަމުން މިދަނީ، ވަރަށް އުއްމީދު ބޮޑު މިކަން ވާނެ ކަމުގެ" ވަޒީރު ފައިޞަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މެނޭޖީރިއަލް ލެވަލްގައި މަސައްކަތްކުރާ ދިވެހިން އިތުރުކުރަން ބޭނުންވާ ކަމަށެވެ. އަދި އެފަދަ ދުވަހެއް ދެކެން ބޭނުންވާ ކަމަށެވެ.

"އޭރުން އަސްލު ދިވެހިންގެ ވަޒީފާގެ ޔަޤީންކަމާއި، ހައްޤުތައް ކަށަވަރުކުރެވޭނީވެސް، ދިވެހިންނަށް އެންމެ ބޮޑު ލޯތްބެއް ދިވެހިންގެ އޮންނާނީ، މިކަމުގައި ސަރުކާރުން މަސައްކަތްކުރާނެ،" ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާގުޅިގެން ދެއްވި ޚާއްސަ މެސެޖުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ބޭނުންވާ ކަންތައްތައް ބަލާއި މިދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވަނީ ފާހަގަކުރައްވާފައެވެ.