ޚަބަރު

ޗައިނާ އޯޕަންގައި ސިނާއަށް އުނދަގޫ ފެށުމެއް


ބެއިޖިންގައި މިހާރު ކުރިއަށްދާ ޗައިނާ އޯޕަން ޓެނިސް މުބާރާތުގައި ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ޔަނިކް ސިނާއަށް އުނދަގޫ މެޗަކަށްފަހު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެއްޖެއެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސިނާ, ޗިލީގެ ނިކޮލަސް ޖެރީއާ ދެކޮޅަށް ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް 4-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޖެރީއެވެ. މިއީ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަހުން ސިނާ ވާދަކުރާ ފުރަތަމަ މުބާރާތެވެ. ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓް 6-3 އަދި 6-1 ގެ ނަތީޖާއަކުން ސިނާ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި ސިނާއާ ދެކޮޅަށް ކުޅޭނެ ކުޅުންތެރިއެއް އެނގިގެންދާނީ ރަޝިޔާގެ ރޯމަން ސަފިއުލިން އާއި ސްވިޒަލޭންޑްގެ ސްޓެން ވެވްރިންކާ އާއި ބައްދަލުކުރާ މެޗަށްފަހުގައެވެ.

މި މުބާރާތުގެ އަންހެން އިވެންޓުގައި ކެރޮލީނާ މުޗޯވާ އާއި އެޝްލީން ކްރޭގާ ވަނީ ދެވަނަ ބުރަށް ކޮލިފައިވެފައެވެ. ނިމިގެންދިޔަ ޔޫއެސް އޯޕަންގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ މުޗޯވާ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ރަޝިޔާގެ އަނާ ބްލޮންކޯވާ އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކުރުމަށްފަހުގައެވެ. އަދި އެމެރިކާގެ ކްރޭގާ ދެވަނަ ބުރަށް ކޮލިފައިވެފައިވަނީ ޗައިނާގެ ޔަފަން ވަންގް އާއި ދެކޮޅަށް ކުޅުނު މެޗު 3-6, 6-4 އަދި 6-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރުމަށްފަހުގައެވެ.