ރާއްޖޭގައި ވޭޕާއި ދުންފަތުގެ ބާވަތްތައް މަނާކުރުމަށް ރާއްޖޭގެ ޑޮކްޓަރުންގެ ޖަމްޢިއްޔާ، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފިއެވެ.
އެ ޖަމްޢިއްޔާއިން ބުނީ، ރާއްޖެއާއި ދުނިޔޭގައިވެސް މިހާރު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ. އޭގެ ތެރެއިން އެތައް ބައްޔަކަށް ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ސިއްޙީ އެކި މައްސަލަތައް މަގުފަހިކުރާކަމަށް ދިރާސަތަކުން ދައްކާ، ކަމަށް ޑޮކްޓަރުންގެ ޖަމީއްޔާއިން ފާހަގަކުރެއެވެ.
މިގޮތުން ދުންފަތުގައި ހިމެނޭ 250 މާއްދާއާއި ވިހައިގެ ތެރެއިން، 70 މާއްދާއަކީ، ކެންސަރަށް މަގުފައިވާ މާއްދާކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ. އަދި ދުންފަތުގެ ބޭނުން ނުކުރާ ފަރާތްތަކަށްވެސް، ދުމުގެ އަސަރުކޮށް ކުޑަކުދިންނަށް ނޭވާހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ފަދަ މައްސަލަތައް ދިމާވާކަން އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ. އަދި މާބަނޑު މީހުންނަށްވެސް މީގެ އަސަރު ކުރާކަމަށް ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ހަވާލާދީ ދިވެހި ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ފާހަގަކުރި ގޮތުގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން އަހަރަކު 8 މިލިއަން މީހުން މަރުވެއެވެ. އަދި އޭގެ ތެރެއިން 1.3 މިލިއަން މީހުންނަކީ ނުސީދާކޮށް ދުމުގެ އަސަރުކޮށްގެން މަރުވާ މީހުންކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ވިދާޅުވީ، ދުންފަތައް ޒަމާނާއެއްގޮތަށް ބަދަލުއައިސް، މިހާރު ވޭޕާއި އީ-ސިނގިރޭޓި މަޤުބޫލުކަން ހޯދާފައިވާއިރު، މި ތަކެއްޗަކީ އެ ސިނާޢަތުން ދައުވާކުރާގޮތަށް، ގެއްލުން ކުޑަ ތަކެއްޗެއް ނޫން ކަމަށެވެ. އެގޮތުން މިތަކެއްޗަކީވެސް ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރާ ތަކެތިކަން ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
އަދި ޒުވާނުން މި ބާވައްތަކުގެ ތަފާތު އެކި ފްލޭވަރތައް ބޭނުންކުރާއިރު، މީގެ ތެރެއިން ސިނަމަން އަދި މެންތޯލްއަކީ ފުއްޕާމޭ ހަލާކުކުރާ މައިގަނޑު ދެ ފްލޭވަރކަން ދިރާސާތަކުން ދައްކާފައިވާކަމަށް ޑޮކްޓަރުން ޖަމްޢިއްޔާއިން ބުންޏެވެ. އަދި މިފަދަ އާލަތްތަކުގައި މަސްތުވާތަކެތި ގަޑުބަޑު ކުރުމުގެ ފުރުސަތު ބޮޑުއިރު، މިއީ މަސްތުވާ ތަކެއްޗާ ދެވިހިފުމަށް މަގުފައިވާ ތަކެތިކަން ޖަމްޢިއްޔާއިންފާހަގަކުރެއެވެ.
މިކަންކަމަށް ރިއާޔަތްކޮށް ދުނިޔޭގެ 34 ޤައުމެއްގައި ވޭޕް މުޅިން މަނާކޮށްފައިވާއިރު، ރާއްޖޭގައިވެސް ދުންފަތާއި ވޭޕް މަނާކުރުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ. އެގޮތުން އަވަށްޓެރި އިންޑިއާގައިވެސް މި ތަކެތި މަނާކޮށްފައިވާއިރު، މިއީ ރާއްޖޭގެ މުޖްތަމަޢަށް ހެޔޮ ބަދަލެއް އަންނާނެ ކަމެއްކަމުގައި އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި ވޭޕާއި އީ ސިނގިރޭޓު މަނާކުރުމަށް މޯލްޑިވްސް ނޮން ކޮމިއުނިކަބަލް ޑިސީސް އެލަޔަންސް، އެންސީޑީއޭންވެސް މީގެ ކުރިން ވަނީ ގޮވާލާފައެވެ.