ބައިނަލްއަޤުވާމީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ކޮންމެ މީހަކަށްވެސް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކަށަވަރުކޮށްދީ، ސަރުކާރުތަކާއި އިދާރާތަކުންކުރާ މަސައްކަތްތަކުގެ ހާމަކަން އިތުރުކޮށް، ރައްޔިތުންގެ އިތުބާރު އެތަންތަނަށް ހޯދައިދިނުމެވެ.
ކޮންމެ އަހަރެއްގެވެސް ސެޕްޓެންބަރުމަހުގެ 28 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ދުވަހުގެ ގޮތުގައެވެ. އެދުވަސް ފާހަގަކުރުމަށް ކަނޑައެޅީ ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން، ޔުނެސްކޯއިންނެވެ. ނަމަވެސް ދުނިޔޭގެ ފެންވަރުގައި މި ދުވަސް ފާހަގަކުރުމަށް އދ އިން ކަނޑައެޅީ 2019 ވަނަ އަހަރުއެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤާވެސް ގުޅުންހުރި ޙައްޤެކެވެ. އެހެނީ ބިނާކުރަނިވި ޚިޔާލު ފާޅުކުރެވޭނީ މަޢުލޫމާތު ލިބިގެންކަމަށްވާތީއެވެ. މަޢުލޫމާތު ހޯދައި ލިބިގަނެ ހާމަކުރުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. މި ޙައްޤަކީ ދައުލަތާއި ސަރުކާރާއި ކުންފުނިތަކުންކުރާ މަސައްކަތްތަކަކީ ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުމަށް ރައްޔިތުންނަށް ލިބޭ ބާރެކެވެ. ކަންކަން ރަނގަޅުކުރުމަކީވެސް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ބޭނުންކުރުމުގެ އެއް ރޫޙެވެ.
ރާއްޖޭގައި މަޢުލޫމާތު ހޯދައި ލިބަގުތުމުގެ ޙައްޤުގެ ޤާނޫނެއް ވުޖޫދުވެ ޢަމަލުކުރަން ފެށީ 2014 ވަނަ އަހަރުއެވެ. މިއާއެކު ދިވެހި ދައުލަތާއި ސަރުކާރާއި އިދާރާތަކާއި ކުންފުނިތަކުންކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހޯދައި، އެ ފަރާތްތައް ޖަވާބުދާރީކުރުމުގެ ބާރު ރައްޔިތުންނަށް ލިބުނެވެ.
މަޢުލޫމާތު ހޯދައި ލިބަގުތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް އުފެދުނެވެ. އަދި އެ ޤާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންފޮމޭޝަން ކޮމިޝަނަރެއް އައްޔަންކުރެވުނެވެ. އެ ބޭފުޅަކީ އަލްއުސްތާޛް ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރެވެ.
ފުރަތަމަ ފަހަރަށް ކޮމިޝަނަރުގެ އޮފީހެއް އުފެދި އެ އޮފީހުގެ ހަމައެކަނި މުވައްޒަފަކީވެސް ޢަބްދުލް ޢަޒީޒެވެ. ކޮމިޝަނަރުކަމަށް އައްޔަންކުރެއްވުމާއެކު ޢަބްދުލް ޢަޒީޒަށް ފުރަތަމަވެސް ކުރަންޖެހުނު މަސައްކަތަކީ، ރަސްމީ މަސައްކަތްތައް ފެށުމަށް ކުރަންޖެހުނު ގިނަ ކަންތައްތަކެއް ކުރުމެވެ.
"އެންމެ ފުރަތަމަ އަމިއްލައަށް ލޯގޯއެއް ހަދައިގެން ސަރުކާރަށް ދެންނެވީ މަސައްކަތްކުރާނެ ތަނެއް ބޭނުންވާކަމަށް. ފިނޭންސް މިނިސްޓްރީން ތަނެއް ހަމަޖައްސަވައިދެއްވީ. އެތަނުގައި އެންމެ ފުރަތަމަ ކުރަންޖެހުނީ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް. ދެން ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި ފުރަތަމަ އޮފީހަށް ބޭނުންވާ މުވައްޒަފުންކޮޅެއް ނަގައިފިން. އެއަށްފަހު އެހެން ބޮޑު ތަނެއް ހޯދައިގެން މަސައްކަތްތައް ފެށީ." ޢަބްދުލް ޢަޒީޒް ވިދާޅުވިއެވެ.
ޢަބްދުލް ޢަޒީޒް ވިދާޅުވި ގޮތުގައި ރަސްމީ މަސައްކަތުގެ ތެރެއިން ގަވައިދުތަކާއި އުޞޫލްތައް އެކުލަވާލުމަށްފަހު ދެން އެންމެ ފުރަތަމަ ކުރަންޖެހުނު ކަމަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް މީހުން ހޭލުންތެރިކުރުވައި އަހުލުވެރި ކުރުވުމެވެ.
"މަޢުލޫމާތު ހޯދައި ލިބިގަތުން މި މަފްހޫމަކީ އޭރު ވަރަށް އައު ކަމެއް. އަޅުގަނޑުގެ ދައުރު ނިމުނުއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިޙައްޤަށް ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމްތައް ކުރިއަށް ގެންދެވުނު. ރޭޑިއޯއާއި ޓީވީތަކުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ގެނެސްދެވުނު. މިހާރު ގިނަ ބަޔަކު މަޢުލޫމާތު ހޯދަން އިދާރާތަކުގައި އެދެމުންދާކަމީ އޭރު ހޭލުންތެރިކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ." ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.
ޢަބްދުލް ޢަޒީޒްވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.
"މަޢުލޫމާތު ވަންހަނާ ކުރަންޏާ އެތަނަކާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭނެ. މަޢުލޫމާތު ސިއްރުކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެކަމެއް. މަޢުލޫމާތު ހާމަކުރުމަކީ ހާމަކަން އިތުރުވެ، ދައުލަތާމެދު އޮންނަ އިތުބާރު ބޮޑުވާނެ ކަމެއް. ނުބައި ކަންކަމަުން ދުރުކުރެވޭނެ ފުރުޞަތެއް. އެއީ ކަމެއް ހާމަނުކުރަން އުޅޭނީ އޭގަ ގޯސްކަމެއް އޮތީމާކަމަށްވާތީ." ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.
މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރަކީ އަޙްމަދު ޢާހިދު ރަޝީދެވެ. މަޢުލޫމާތު ހާމަކުރުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ޢާހިދު ރަޝީދު ވިދާޅުވީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ފަސޭހަކަމާއެކު މަޢުލޫމާތު ހާމަކުރެވޭނީ، މަޢުލޫމާތު ރައްކާކުރުމުގެ ސަގާފަތެއް ގެންގުޅެގެން ކަމަށެވެ.
"ގިނަ އިދާރާތަކުން އަންނަ ޝަކުވާއެއް މިއީ މަޢުލޫމާތު ފޯރުކޮށްދޭން ތިމަންނަމެން ޖެހެނީ ދުވަހުގެ މަސައްކަތްތަކުން އެކަހެރިވެގެންނޭ. އެކަމަކު މަޢުލޫމާތު ބެލެހެއްޓުމުގައި ގެންގުޅޭ އުސޫލުތައް ހަރުދަނާކޮށް ރިކޯޑު މެނޭޖުކުރުމުގައު ހަރުދަނާ އުޞޫލެއް ޤާއިމްކުރެވުމުން މަޢުލޫމާތު ފޯރުކޮށްދިނުމަކީ ބުރަޔަކަށް ނުވާނެ." ޢާހިދު ވިދާޅުވިއެވެ.
މަޢުލޫމާތު ހާމަކުރުމަކީ ކަންކަން ރަނގަޅުކުރުމަށް ލިބޭ ބާރެކެވެ. ކުރިއެރުމަށް ހުޅުވޭ ދޮރަކެވެ. އެހެނީ ކުރާ ރަނގަޅު ކަންކަމުގެ ވާހަކަދައްކަން ގިނަ ބަޔަކު ބޭނުންވާނެއެވެ. ހަމައެގޮތަށް މަޢުލޫމާތު ސިއްރުކުރުން ވާނީ ނުރަނގަޅު ކަންކަން ކުރުމަށް ލިބޭ ފުރުޞަތަކަށެވެ. ފަހަތަށް ފިޔަވަޅު އެޅުމަށާއި މަސައްކަތުގައި ފަރުވާ ކުޑަކުރުމަށް ހުޅުވޭ ދޮރަކަށެވެ.
ސަރުކާރާއި އިދާރާތަކާއި ކުންފުނިތައް ކޮރަޕްޝަނަށް މަގުފަހިކުރުވާ އެއްކަމަކީވެސް މަޢުލޫމާތު ސިއްރުކުރުމެވެ. ތަނަކާމެދު ރައްޔިތުންކުރާ އިތުބާރު ކުޑަވުމުގެ އެއް ސަބަބަކީވެސް މިއީއެވެ. އެހެންކަމުން ކޮރަޕްޝަންގެ ޢަމަލުތައް މަދުކުރުމަށާއި އިތުބާރު ހޯދައިގަތުމަށް އޮތް އެއް ތަޅުދަނޑިއަކީ މަޢުލޫމާތު ހާމަކުރުމެވެ.