ޚަބަރު

ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށް ބެލެހެއްޓުމަށް ފައިނޭންސް ބޭނުންވޭ: ވަޒީރު ޠާރިޤު


  • ފަންޑިންގ ނުލިބިއްޖެނަމަ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެކަން ފާހަގަކުރެއްވި

ދިރޭތަކެތީގެ ނަސްލު ޚިމާޔަތްކޮށް ބެލެހެއްޓުމަށް ފައިނޭންސް ނުލިބޭނަމަ، އެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އދ. އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްދިޔަ "30x30 ބިއޯންޑް" އަމާޒު ހާސިލުކުރުމަށް ބޭއްވުނު ފައިނޭންސް ރައުންޑް ޓޭބަލްގައި ބައިވެރިވެވަޑައިގެން ދެއްކެވިވާހަކަފުޅުގައެވެ.

މިބައްދަލުކުރެއްވުމުގައި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކުގެ ކަނޑުތަކާއި ދިރޭތަކެތީގެ ނަސްލު ޚިމާޔަތްކޮށް ބެލެހެއްޓުމަށް ފައިނޭންސް ލިބުމަކީ މުހިންމުކަމެއްކަމަށެވެ. އަދި މިކަމަށް އެކަށީގެންވާ ފަންޑިންގ ނުލިބިއްޖެނަމަ، ކުދި ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އެހެން ޤައުމުތަކުގެ މަންދޫބުންވެސް ވަނީ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ޤައުމުތަކުގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ރައުންޑް ޓޭބަލަކީ ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޤައުމުތަކާއި ޖަމްޢިއްޔާތަކުގެ މެދުގައި މަޝްވަރާކޮށް، އެއްބާރުލުން އިތުރުކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ.