ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން އެންމެ ގާތީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އަނުރަ ކުމާރަ ދިސާނަޔަކަކަން ވޯޓުގެ ނަތީޖާއިން ހާމަވެއްޖެއެވެ.
ސްރީ ލަންކާގައި ނިމުނު ރިޔާސީ އިންތިޚާބުގައި 78 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، 54 އިންސައްތަ ހޯއްދަވައިގެން މިވަގުތު އެންމެ ކުރީގައި އުޅުއްވަނީ ދިސާނަޔަކައެވެ. އަދި ޕޯސްޓަލް ވޯޓުގެ 58 ޕަސެންޓް އަނޫރާ އަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭނާއާ އެންމެ ގާތުން ވާދަކުރައްވާ އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައަށް ލިބިވަޑައިގަތީ 20 އިންސައްތަ ވޯޓުވެ.
އަދި ސްރީ ލަންކާގެ އިންތިޚާބުގެ ވޯޓު ގުނުން ނިމިފައެއްނުވެއެވެ. އަދި ނަތީޖާ އިއުލާނުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިހާރު ބާކީ ނުގުނާ ހުރީ މަދު ވޯޓު ފޮށިތަކެއް ކަމުން އެ ވޯޓުގެ ނަތީޖާ ލިބުނަސް ދިސާނަޔަކަ ފަހަތަށް ޖައްސާ ކުރި ހޯދޭނެ އެހެން ކެންޑިޑޭޓެއް ނެތްކަމަށް ސްރީ ލަންކާގެ ރަސްމީ ނޫސްތަކުންވެސް ވަނީ ހާމަކޮށްފައެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ މިހާރު ވަރަށް ސާފުކަމަށް ސްރީލަންކާގެ ޚާރިޖީ ވަޒީރު ނާޖީ ސަބްރީ ވަނީ ވިދާޅުވެފައެވެ. އޭނާަ ވިދާޅުވޯ ހުރިހާ ވޯޓެއް ގުނާ ނުނިމުނަސް ރިޔާސީ ރޭސް ކާމިޔާބު ކުރައްވާނީ އަނޫރާ ކުމާރަ ދިސާނަޔަކަކަންވަނީ ކަށަވަރުވެފަކަމަށެވެ.
އުމުރުން 55 އަހަރުގެ އަނޫރާ އަކީ ސްރީލަންކާގެ މެދުފަންތީގެ މީހުންނާއި ފަގީރުންގެ ހާލަތު ރަނގަޅު ކުރާނެކަމާއި ސްރީލަންކާގެ އިޖްތިމާއީ ހާލަތަށް ބޮޑު ބަދަލެއް ގެންނަވާނެކަމަށް ވައުދުވެވަޑައިގެންނެވި ހަމައެކަނި ކެންޑިޑޭޓެކެވެ. އޭނާއަކީ އިގްތިސާދީގޮތުން ކޮމިއުނިސްޓް ސޯޝިއަލް ފިކުރުގެ ބޭފުޅެކެވެ. މާކްސިސްޓް ފިކުރުގެވެސް ބޭފުޅެކެވެ.
ސްރީ ލަންކާއަށް ކުރިމަތިވި އިޤުތިޞާދީ ކާރިސާއާ އެކު ޖޭވީޕީގެ ވެރިޔާ ދިސާނަޔަކައަށް އޮތް ތާޢީދު އިތުރުވެފައިވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޖޭވީޕީއަކީ 1970އާއި 1980ގެ އަހަރުތަކުގެ ތެރޭގައި ސްރީ ލަންކާގެ ވެރިކަމަށް އަންނަން ހިންގި ހަމަނުޖެހުންތަކެއްގެ އަޑީގައި އޮތް ޕާޓީއެވެ. އެ ހަމަނުޖެހުންތަކުގައި 80,000އެއްހާ މީހުން މަރުވިއެވެ. ނަމަވެސް, ޚިޔާނާތާއި ކޮރަޕްޝަން ނައްތައިލައްވަން ދިސާނަޔަކަ ވަޢުދުވެ ވަޑައިގެންނެވުމާ އެކު އޭނާއަށް އޮތް ތާޢީދު އިތުރުވަމުންދާ ކަމަށް ބެލެވެއެވެ.