ޚަބަރު

ޕެލަސް އަތުން ޔުނައިޓެޑަށް ޕޮއިންޓެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ސެލްހާސްޓް ޕާކްގައި ރޭ ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތައް ލިބުނު ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ. މި މެޗު ފެށިގެން ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ގެންގުޅެ، ޑޮމިނޭޓްކޮށްފައިވާއިރު ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް ފޮނުވާލީ ވެސް އެ ޓީމުންނެވެ.

ޔުނައިޓެޑުން މި މެޗުގައި ޕެލަސްގެ ގޯލަށް އަމާޒުކޮށް ފުރަތަމަ ހަމަލާ ފޮނުވާލީ ނުވަވަނަ މިނެޓުގައެވެ. އެ ޓީމުގެ އާޖެންޓީނާ ވިންގް، އަލެހަންދްރޯ ގަނާޗޯ ފޮނުވާލި މި ބޯޅަ ޕެލަސްގެ ގޯލްކީޕަރު، ޑީން ހެންޑަސަން މަތަކޮށް ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

ފުރަތަމަ ހާފު ނިމުމުގެކުރީން، ޔުނައިޓެޑުން ވަނީ ދެފަހަރެއްގެ މަތީން ލީޑްނެގުމާ ގާތަށް ޖެހިލައިފައެވެ. ގަނާޗޯ އެންމެ ފުރަތަމަ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ނިކުތްވަގުތު ދެވަނަ ފަހަރަށް އެ ބޯޅަ ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ފޮނުވާލުމުން ވެސް ދިޔައީ ހުރަސްދަނޑީގައި ޖެހިފައެވެ. މި ހާފުގައި ޔުނައިޓެޑްގެ ކީޕަރު، އަންދްރޭ އޮނާނާ އަށް މާބޮޑު ނުރައްކަލަކާ ކުރިމަތިލާން ނުޖެހުނެވެ.

މެޗުގެ 65 ވަނަ މިނެޓުގައި އޮނާނާ ވަނީ ގާތްގާތުގައި ޕެލަސްގެ ނުރައްކާތެރި ދެ ހަމަލާ ހުއްޓުވާފައެވެ. އެގޮތުން، ޕެލަސްގެ ފޯވާޑް، އެޑީ އެންކެޓިއާ ފޮނުވާލި ހަމަލާ މަތަކުރުމަށްފަހު ދެވަނަ ފަހަރަށް އެ ބޯޅަ އިސްމާއިލާ ސާރ ފޮނުވާލުމުން ވެސް އޮނާނާ މަތަކުރިއެވެ.

އޭގެފަހުން، މެޗުނިމެން 15 މިނެޓަށްވެފައިވަނިކޮށް ޕެލަސް އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ އިނގިރޭސި ވިންގް، އެބެރޭޗީ އެޒޭ ޕެނަލްޓީއޭރިޔާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މިއީ ޔުނައިޓެޑުން ޕެލަސްގެ ދަނޑުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅެއްނުލިބި ނިންމާލަން ޖެހުނު ފަސްވަނަ ފަހަރެވެ. އެ ޓީމަށް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ޖެހުނީ އެންމެ ގޯލެކެވެ. މި ދެ ޓީމު އެންމެ ފަހުން ޕެލަސްގެ ދަނޑުގައި ނިމިދިޔަ ސީޒަނުގެ ލީގުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 0-4 އިންނެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ. މިހާތަނަށް މެޗަކުން މޮޅެއްނުލިބި އޮތް ޕެލަސް އަށް ފަސް މެޗުން ލިބިފައިވާ ތިން ޕޮއިންޓާއެކު އޮތީ 16 ވަނައިގައެވެ.

ލީގުގައި ޔުނައިޓެޑަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރާ މެޗެވެ. އޭގެކުރީން، ޔުއެފާ ޔުރޮޕާ ލީގުގައި އަންނަ ބުރާސްފަތި ދުވަހު އެ ޓީމުން ނިކުންނާނީ ނެދަލެންޑްސްގެ އެފްސީ ޓުވެންޓޭއާ ދެކޮޅަށެވެ.