ޚަބަރު

އެމްޕީއެލުން އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްޤީކުރަނީ


  • މިއީ އުތުރުގައި ދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ މުހިންމު ބައެއް

ހއ. އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ނިންމައިފިއެވެ.

އެކުންފުނިން މިހާރުވަނީ މިކަމާ ގުޅޭގޮތުން އިހަވަންދޫ ކައުންސިލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އިހަވަންދޫގައި އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހީމެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީ.އީ.އޯ މުޙައްމަދު ވަޖީހް ވިދާޅުވީ އިހަވަންދޫގައި ތަރައްޤީކުރާ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ މުހިންމު ބައެއް ކަމެކެވެ. އަދި އެމް.ޕީ.އެލްގެ އަމާޒަކީ ވީހާވެސް އަވަހަށް ޑޮކްޔާޑާއި ސްލިޕްވޭގެ ޢަމަލީ މަސައްކަތް ފެށުން ކަމަށް ވަޖީހު ވިދާޅުވިއެވެ.

"ލަސްތަކެއްނުކޮށް މިކަމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ސީ.އީ.އޯ ވަޖީހް ވިދާޅުވިއެވެ.

ވަޖީހް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ޚިދުމަތްތައް ފަށާގަންނައިރު ހުރިހާ ކަމެއް އެންމެ ފުރިހަމަނުވިނަމަވެސް އެކަން ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މިފަދަ ކަމެއް ފަށާއިރު ހުރިހާ ކަމެއް ފުރިހަމައެއްނުވާނެ. ފަށާއިރު ހުންނާނެ މައްސަލަތައް. އެކަމަކު ރާއްޖެ މިއޮތް ޖިއޮގްރަފިކަލް ލޮކޭޝަންއިން އަޅުގަނޑުމެންނަށް މިކަމުގެ ފައިދާނެގޭނެ. މިއަދަކު، މާދަމާ ނުވިޔަސް، މިކަމުން (ރާއްޖެ)އަށް ފައިދާ ލިބޭނެ،" ވަޖީހް ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް ޞަބާޙް ވިދާޅުވީ އެ ރަށުގައި ޑޮކްޔާޑާއި ސްލިޕްވޭއެއް ތަރައްޤީކުރުމަކީ އެ ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ޕްރޮޖެކްޓެއް ކަމަށެވެ.

"ވަޒީފާގެ ފުރުސަތުތަކެއް (ރަށުގައި) އެބަ އުފެދޭ މިކަމުން. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފެށުން،" ޞަބާޙް ވިދާޅުވިއެވެ.

އިހަވަންދޫގައި ޑޮކްޔާޑާއި ސްލިޕްވޭއަކީ ތަރައްޤީކުރަނީ އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށެވެ. އެމް.ޕީ.އެލުން ވަނީ ތިލަދުންމަތި އުތުރުބުރީ އުލިގަމުގައި އައި.އެސް.ޕީ.އެސް ގޭޓް ޤާއިމްކޮށްފައެވެ. އަދި އެ އަތޮޅު ތުރާކުނުގައި ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖް ބޭއްވުމަށް ވަނީ އެ ރަށު ކައުންސިލާއެކު އެއްބަސްވުމެގައި ސޮއިކޮށްފައެވެ.

އެމް.ޕީ.އެލްގެ އިސްވެރިން އިހަވަންދޫއަށް ކުރި ދަތުރުގައިވަނީ އެރަށު ކައުންސިލަށް ކްރޭނެއް ހަދިޔާކޮށްފައެވެ. އިހަވަންދޫ ބަނދަރު ސަރަހައްދުގައި އޮތް ރަސްމިއްޔާތެއްގައި އެ ރަށު ކައުންސިލަށް ކްރޭން ރަސްމީކޮށް ހަވާލުކޮށްދެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ.

އެމް.ޕީ.އެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރީ "ކޮބެލްކޯ" ބްރޭންޑްގެ 25 ޓަނުގެ ކްރޭނެކެވެ. މިއީ އިހަވަންދޫ ކައުންސިލްގެ އެދުމަކަށް އެމް.ޕީ.އެލުން އެ ކައުންސިލަށް ހަދިޔާކުރި ކްރޭނެކެވެ.

އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް ވިދާޅުވީ ކައުންސިލްތަކުން އެދޭ ކަންތައްތައް އެމް.ޕީ.އެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފުރިހަމަކޮށްދިނުމަށް މަސައްކަތްކުރާ ކަމަށެވެ.