ޚަބަރު

ބަންކަރިންގެ ދާއިރާއަށް ވަނުމަކީ ސަރުކާރުން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް: ވިޓޯލް


  • ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ފައިދާތައް ވާނެ

  • އަންނަ މަހު ބާއްވާ ސިބްކޮންގައި ރާއްޖެ އިޝްތިހާރު ކުރުމަށް ވަނީ ނިންމާފައި

ބަންކަރިން ދާއިރާއަށް ނުކުތުމަކީ ދިވެހި ސަރުކާރާއި އެސްޓީއޯއިން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް ކަމަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެސްޓީއޯއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ވިޓޯލް ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިގޮތަށް ބުނެފައިވަނީ ހއ. ހޯރަފުށީގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ވިޓޯލްގެ ފަރާތުން ކެޕްޓަން ރިޝަބް ބެހެލް ވިދާޅުވީ އެސްޓީއޯއާއެކު ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ތަޖުރިބާގެ އަލީގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މިއީ ތިމާވެއްޓާ ރައްޓެހި އަދި ފައިދާހުރި މަޝްރޫއަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ގިނަ ފައިދާތަކެއް ލިބުމުގެ ފުރުސަތު އެބައޮތްކަން ފާހަގަކުރައްވައި ކެޕްޓަން ރިޝަބް ބެހެލް ވިދާޅުވީ އެސްޓީއޯގެ ތެލުގެ ވިޔަފާރި ފުޅާކޮށް ބަންކަރިންގެ ދާއިރާއަށް ވަނުމަކީ ދިވެހި ސަރުކާރާއި އެސްޓީއޯއިން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް ކަމަށެވެ.

ވިޓޯލުން ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެސްޓީއޯއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން، ދުނިޔޭގެ ބަންކަރިންގެ ދާއިރާގައި ރާއްޖެ އިޝްތިހާރު ކުރުމަކީވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމެކެވެ.

އަންނަ މަހު ސިންގަޕޫރުގައި ބާއްވާ ދުނިޔޭގެ ބަންކަރިންގެ ދާއިރާގެ އެންމެ ބޮޑު އެއް ކޮންފަރެންސް ކަމުގައިވާ ސިބްކޮންގައި ރާއްޖެ ބަންކަރިންގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ވިޓޯލުން ފާހަގަކުރެއެވެ. މި ހަރަކާތަކީ މުހިންމު ހަރަކާތެއް ކަމަށާއި މީގެ ސަބަބުން ދާއިރާގެ ގިނަ ބަޔަކަށް ރާއްޖެ އިޝްތިހާރުވެގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.