ޚަބަރު

ޚަރަދުތައް ހަމަޖެއްސުމަށް 3.3 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބިލް ވިއްކައިފި


  • މާލީ ވުޒާރާއިން ވިއްކާފައިވަނީ ޖުމްލަ 3.3 ބިލިޔަން ރުފިޔާގެ 4 ޓީބިލެއް

  • އިންޓްރެސްޓް ރޭޓް އުޅެނީ %3.50 - %4.60 އާ ދެމެދުގައި

  • ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެއް

ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 3.3 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކައިފިއެވެ.

މާލީ ވުޒާރާއިން ވިއްކާފައިވަނީ ޖުމްލަ 3.3 ބިލިޔަން ރުފިޔާގެ 4 ޓީބިލެކެވެ.

ޓީ-ބިލްތަކުގެ ތަފްސީލު:

• 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 2 ބިލިޔަން ރުފިޔާގެ ޓީ-ބިލް
• 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 165 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 196 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 742 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 467 މިލިޔަން ރުފިޔާގެ ޓީ-ބިލް

ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.

ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ.

ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި، ޕަބްލިކް ކުންފުނިތަކާއި، ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.

ސަރުކާރުގެ ޚަރަދުތައް ހަމަޖައްސުމަށް 3.3 ބިލިޔަން ރުފިޔާގެ ޓީ-ބިލް ވިއްކާފައިވާއިރު، ސަރުކާރުން ދަނީ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރާއްވަމުންނެވެ. އެގޮތުން އެއަރޕޯޓު ޓެކުހާއި ފީގެ ރޭޓުތައް މުރާޖަޢާކުރުން، ސިއްޙަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން، ޖީއެސްޓީ އިދާރީ ޤާނޫނު މުރާޖަޢާކޮށް ޓެކްސް ބޭސް ފުޅާކުރުން، ގްރީން ޓެކުހުގެ ރޭޓުތައް މުރާޖަޢާކުރުން އަދި އިޤްތިސާދަށް ތަފާތު ޙަރަކާތްތައް އިތުރުކުރުން ހިމެނެއެވެ.

ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ބަޖެޓަކީ އަރަނި ބަޖެޓަކަށް ހެދުމެވެ. އެހެންކަމުން މި ފިޔަވަޅުތަކާއެކު ދައުލަތަށް އާމްދަނީ ލިބޭނެ އިތުރު އެހެން މަގުތައްވެސް ތަނަވަސްކުރުމުގެ މަސައްކަތްދަނީ ހަލުވި ދުވެލީގައި ކުރެވެމުންނެވެ.