ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީއޭން ވިދާޅުވެއްޖެއެވެ.
އެމް.އެފް.ޑީ.އޭއިން ވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރކޮށް، ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ އިންތިޤާލީ އުޞޫލު ބަޔާންކުރާ ގަވާއިދެއް އެކުލަވާލާ އާންމުކޮށްފައެވެ.
އަލަށް ތަޢާރަފްކުރެވުނު "ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު"ގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭގައި ރަޖިސްޓްރީންވެ ލައިންސަންސެއް ހޯދަންޖެހެއެވެ.
މި ގަވާއިދުގެ ދަށުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރކޮށް ލައިސަންސް ހޯދުމަށްޓަކައި އެމް.އެފް.ޑީ.އޭއަށް ހުށައަޅަންވާނެކަމަށް ބުނެފައިވެއެވެ. މި ގަވައިދުގައިވާ ގޮތުން ލައިސަންސަށް އެދި ހުށައަޅަންޖެހޭނީ ސަރުކާރުގެ "ވަންގަވް" ޕޯޓަލް މެދުވެރިކޮށެވެ.
މި ގަވައިދުގައިވާ ގޮތުން މީހުން ދިރިއުޅޭ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަގުތީ ގޮތުން ޤާއިމުކުރާ މާރުކޭޓުތަކާއި އުޅަނދުތަކާއި ސްޓޭންޑްތައް ރަޖިސްޓަރކުރުން ލާޒިމް ނުވާނެއެވެ. ނަމަވެސް މިތަންތަނުންވެސް ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރަންވާނީ، ކާބޯތަކެތި އުފެއްދުމާ ގުޅޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑާ އެއްގޮތަށްކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
"ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ޢަމަލުކުރަންޖެހޭގޮތުގެ މިންގަނޑު" އެމްއެފްޑީއޭއިން ވަނީ މިހާރު ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
ގަވާއިދުގައިވާ ގޮތުން ރަޖިސްޓަރކުރުމާއި ލައިސަންސް ހޯދުމަށް އެދި ހުށައަޅާ ތަންތަނާއި ފަރާތްތަކަށް ރަޖިސްޓަރކޮށް ލައިސަންސް ދޫކުރާނީ އެމްއެފްއޭޑީއޭއިން އެތަންތަން ބަލައި، އެ ތަންތަނާއި ފަރާތްތައް ޢަމަލުކުރަންޖެހޭ ގޮތުގެ މިންގަނޑަށް ފެތޭ ތަންތަނާއި ފަރާތްތަކަށް އެކަންޏެވެ.
ރަޖިސްޓަރކޮށް ލައިސަންސް ހޯދާ ތަންތަނާއި ފަރާތްތަކުގެ ތެރެއިން ޔޫރަޕިއަން ޔޫނިއަންއަށް އެކްސްޕޯޓްކުރާ ކާރުޚާނާތައް ފިޔަވައި އެހެން ތަންތަނަށް ލައިސަންސް ދޫކުރާނީ 1 އަހަރަށެވެ. އަދި ޔޫރަޕިއަން ޔޫނިއަންއަށް އެކްސްޕޯޓްކުރާ ކާރުޚާނާތަކަށް ލައިސަންސް ދޫކުރާނީ 6 މަސް ދުވަހަށެވެ.
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތަކަށް ލައިސަންސް ދިނުމަށް ނަގާ އަހަރީ ފީގެ ތަފްސީލް، "ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި ފީ ނެގުމާބެހޭ އުސޫލު"ގައި ބަޔާންކޮށްފައިވެއެވެ.