ޚަބަރު

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އިމާމުންގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު


  • ރާއްޖެއިން ބޭރަށް ފޮނުވައިގެން މިހާތަނަށް 60 އިމާމުން ތަމްރީން ކޮށްފައިވޭ

  • މަހާސިންތާގައި އޮންނަލައިންކޮށާއި ހާޒިރުވެގެން 388 އިމާމުން ބައިވެރިވާނެ

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އިމާމުންގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަފުޅުދައްކަވަމުންނެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިމާމުން ބިނާކުރުމަށާއި ތަމްރީން ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. މިގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އިމާމުންގެ މަހާސިންތާ މިމަހުގެ 21 ވާ ހޮނިހިރު ދުވަހު އޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި މަހާސިންތާގައި ފިކުރީ ގޮތުން އިސްލާމީ މުޖުތަމަޢަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުޖުތަމަޢުގައި އިމާމުން ދައުރާއި އިސްލާމީ އުންމަތް ބިނާކުރުމުގައި މިސްކިތުގެ ދައުރުގެ މައްޗަށް އަލިއަޅުވާލާ އިމާމުން ތަމްރީންކުރެވޭނެ ކަމަށެވެ.

"އިސްލާމް ދީނުގައި މިސްކިތްތަކަކީ ދީނީ އުންމަތެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް. މިކަންކަން އިމާމުންނަށް އެނގެންޖެހޭތީވެ، މިކަމާ ބެހޭގޮތުން މަހާސިންތާގައި މަޢުލޫމާތު ދެވޭނެ." ވަޒީރު ވިދާޅުވިއެވެ.

އިމާމުންގެ މަހާސިންތާގައި އޮންލައިންކޮށާއި ހާޒިރުވެގެން 388 އިމާމުން ބައިވެރިވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

އިމާމުން ބިނާކޮށް އެމީހުން ތަމްރީންކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރަށް ފޮނުވައިގެން މިހާތަނަށް 60 އިމާމުން ތަމްރީން ކޮށްފައިވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 100 އިމާމުން ބޭރަށް ފޮނުވައިގެން ތަމްރީން ކުރުމެވެ.

މީގެ އިތުރުން މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން ޢަރަބި ބަސް ދަސްކޮށްދިނުމުގެ ކޯސްތަކެއްވެސް އިމާމުންނަށް އަމާޒުކޮށްގެން ދަނީ ހިންގަމުންނެވެ.