ފެނަކަ ކުންފުނީގެ މުވައްޒަފުން ޗުއްޓީ ނެގިނަމަވެސް އަސާސީ މުސާރައަށް ބަދަލެއް ނާންނާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކައިން މިހެން ވިދާޅުވީ އެކުންފުނީގެ މުވައްޒަފުން ޗުއްޓީ ނަގާނަމަ އަސާސީ މުސާރައިގެ 60 އިންސައްތަ އުނިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފެނަކައިން ވިދާޅުވީ އެކުންފުނީގެ މުވައްޒަފުން ޗުއްޓީ ނަގާނަމަ އަސާސީ މުސާރައިގެ 60 އިންސައްތަ އުނިވާކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ހަޤީޤަތާއި ޚިލާފު ވާހަކައެއް ކަމަށެވެ.
ފެނަކައިން ބުނީ ކުންފުނީގެ ބޯޑުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ޗުއްޓީ ނެގުމުން މީގެކުރިން ދެމުންދިޔަ އިތުރު އެލަވެންސެއް އުނިކުރަންކަމަށެވެ. އަދި އުނިކުރަން ނިންމި އެލަވަންސަކީ މިނިމަމް ވޭޖް ތަޢާރަފްވުމުގެ ކުރިން، އަސާސީ މުސާރަ ކުޑަވުމުން ޗުއްޓީއަށް ދާ މުވައްޒަފުންނަށް އިތުރު އެލަވެންސްތައް ނުލިބޭތީ ދޭން ފެށި އެލަވެންސެއް ކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ.
ފެނަކައިން ވިދާޅުވީ މިނިމަމް ވޭޖް ތަޢާރަފްވެ، މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް އައުމުން، މިހާރު މި އެލަވެންސް ދޭން ޖެހޭ ހާލަތެއް ނެތުމުން ކުންފުނީގެ ބޯޑުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އެ އެލަވެންސް އުވާލުމަށް ނިންމާފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ޗުއްޓީއަށް ދިޔަނަމަވެސް ކުންފުނީގެ މުވައްޒަފުންގެ އަސާސީ މުސާރައަށް އަސަރެއް ނުކުރާނެކަމަށް ފާހަގަކުރެއެވެ.