މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމަށް ދިން މުއްދަތު ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.
ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް މިއަހަރު އެންމެ ފުރަތަމަ ހުޅުވާލީ ޖޫން 9 އިން ފެށިގެން ޖުލައި 4 އަކާއި ހަމައަށެވެ. އަދި މި އެވޯޑް ދިނުމުގެ ޖަލްސާ ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މިދިޔަ މަހުގެ 12 ގައެވެ. ނަމަވެސް ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން ވަނީ އެ ޖަލްސާ ފަސްކޮށްފައެވެ.
އެހެންކަމުން އަލުން މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 10 އިން 19 ވަނީ ހުޅުވާލާފައެވެ. އެހެން ނަމަވެސް މިހާރު މިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް މި މުއްދަތު އިތުރުކޮށްދީފައެވެ.
ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވާއިރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން މިއަހަރު އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
އޭގެތެރޭގައި ވިޔަފާރިއާއި އިޤްތިޞާދު، ފަންނުވެރިކަމާއި ސަގާފަތްދިރުވުން، ދަރުމަވެރިން، ނަފްސާނީ ދުޅަހެޔޮ މުޖުތަމަޢަކަށް މަސައްކަތްކުރުން، ތިމާވެށި، ބަސް ދިރުވާ އާލާކުރުން، ކުޅިވަރު އަދި މަސްވެރިކަމާއި ދަނޑުވެރިކަން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން، ވޮކޭޝަނަލް ޓްރެއިނިން ދިނުން ފަދަ ދާއިރާތައް ހިމެނެއެވެ.
މީގެއިތުރުން ކުޅިވަރުގެ ދާއިރާގައި ބައިނަލްއަޤްވާމީގޮތުން އާދަޔާ ޚިލާފު ކާމިޔާބީއެއް ހޯދާފައިވާ މީހުންނަށް ދޭ އެވޯޑާއި، "ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ"ވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.
ޒުވާނުން ބާރުވެރިކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ އެވޯޑަށް ކުރިމަތިލާ ޒުވާނުންގެ އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށް ކަމަށެވެ. އަދި ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން އެ ވުޒާރާގެ މެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ޒުވާނުންގެ އެވޯޑަށް ކުރިމަތިލެވޭނީ، 18 އަހަރާއި 35 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. މިއީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދެމުން އަންނަ އެވޯޑެކެވެ.
ޒުވާނުންގެ އެވޯޑަކީ ތަފާތު އެކި ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. އަދި މިއީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.