މިއަހަރުގެ މިހާތަނަށް ޖަރުމަންވިލާތުން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި އެޤައުމުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، %12.9 އިތުރު އަދަދެކެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން އަހަރުގެ މިހާތަނަށް ޖަރުމަންވިލާތުން ރާއްޖެއަށްވަނީ 100،420 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް އައިސްފައިވަނީ 88،876 ފަތުރުވެރިންނެވެ.
އެހެންކަމުން ޖަރުމަނުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށް މިވަނީ %12.9ގެ ކުރިއެރުމެއް ލިބިފައެވެ.
ޖަރުމަންވިލާތަކީ ރާއްޖެއަށް 5 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން %7.1 ހިއްސާކުރަނީ އެޤައުމުގެ ފަތުރުވެރިންނެވެ.
ޖަރުމަންވިލާތަށް އަމާޒުކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ކޮންމެ އަހަރަކު ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގައި ބާއްވާ، އައިޓީބީ ފެއަރގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރާ މަސައްކަތެވެ.
އައިޓީބީ ފެއަރއަކީ ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމާ ބެހޭ ފެއަރއެވެ. ކޮންމެ އަހަރަކުވެސް މި ފެއަރގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ބައިވެރިވެއެވެ.
ސަރުކާރުންދަނީ 2026ވަނަ އަހަރު އޮންނަ އައިޓީބީ ފެއަރ ހޯސްޓްކުރާ ޤައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ފެއަރ ހޯސްޓްކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިއްޖެނަމަ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އިސްތިހާރުކުރުމަށްކުރާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1.4 މިލިޔަން ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1.2 މިލިޔަން ފަތުރުވެރިންނެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4171 ފަތުރުވެރިން އާދެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.
މިއަހަރުގެ މިހާތަނަށް ޖަރުމަންވިލާތުން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނައަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިޔާއިންނެވެ.