ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މި ޕްރޮމޯޝަންތަކުގެ ތެރޭގައި ހިމެނޭ އިނާމުތަކުގެ ތެރެއިން އެންމެ އަގު ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސްޕީޑް ބޯޓެކެވެ.
ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ބްރޭންޑް އެންޑް މާކެޓިން ކޮމިޔުނިކޭޝަންސްގެ ޑިރެކްޓަރ މިރުޝާން ޙަސަން ވިދާޅުވީ މިއަހަރުގެ ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްސަ 2 ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކޮންމެ މަހަކު އިނާމްތަކެއް ލިބޭ ޕްރޮމޯޝަނަކާއި ބޮޑު އަގުގެ އިނާމެއް ލިބޭ ޕްރޮމޯޝަނެއްގައި ބައިވެރިވުމަށް މިހާރު ހުޅުވާލާފައިވާކަމަށް މިރުޝާން ވިދާޅުވިއެވެ.
މިރުޝާން ވިދާޅުވީ، ޕްރޮމޯޝަންތައް ކުރިއަށްދާނީ ކުރިއަށް އޮތް 3 މަހު ކަމަށެވެ. އަދި އެންމެ ބޮޑު އަގުގެ އިނާމު ހުށައެޅިފައިވާ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައިކަމަށް ވިދާޅުވިއެވެ.
ބޮޑު އަގުގެ އިނާމަކަށް ދިރާގުން ކަނޑައަޅާފައިވަނީ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ، މަޖެލަން 32 ސްޕީޑް ބޯޓެކެވެ. މި ބޯޓުގައި 175 ހޯސްޕަވަރުގެ ޔަމަހާ 2 އިންޖީނު އަޅާފައި ހުންނާނެކަމަށް ދިރާގުން ބުނެއެވެ.
"ދިވެހިންނަށް އެންމެ ކަމުދާ އެއްޗަކަށްވީ ސްޕީޑް ބޯޓެއް. މި އިނާމު ތަފާތު ބޭނުންތަކަށް ދިވެހިންނަށް ބޭނުންކުރެވޭނެ. އެގޮތުން ނައިޓް ފިޝިންނަށާއި ލެޝަރ ފިޝިންނަށްވެސް ބޭނުންކުރެވޭނެ." މިރުޝާން ވިދާޅުވިއެވެ.
ދިރާގުން މަޢުލޫމާތު ދޭގޮތުގައި "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެ އަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި، ޕޯސްޓްޕެއިޑް 400 އަދި ފައިބަރ ބްރޯޑްބޭންޑް 30އެމް އަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށެވެ.
އެހެންނަމަވެސް މަހުން މަހަށް ދޭ އިނާމުތަކުގައި ދިރާގުގެ ޕްރީޕެއިޑް، ޕޯސްޓްޕްއިޑް އަދި ފައިބަރ ބްރޯޑްބޭންޑްގެ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވެވޭނެކަމަށް ދިރާގުން ބުނެއެވެ. މަހުން މަހަށްދޭ އިނާމުތަކުގެ ތެރޭގައި ގޯ ޕްރޯ ހީރޯ 12، ސުންޓޯ ޑީ5 ގަޑިއެއް، އަދި ސްޕޯޓްސް ފިޝިންގް ގިއަރ ސެޓް ހިމެނެއެވެ.
ދިރާގުން ބުނީ އަދިވެސް ދިރާގުގެ ކަސްޓަމަރަކަށްވެގެން ކޮންމެ މީހަކަށްވެސް ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.