ޚަބަރު

މާލީގޮތުން ރާއްޖެއަށް އެހީވާން އިންޑިއާ އޮތީ ތައްޔާރަށް


  • ކަރަންސީ ސްވޮޕްގެ ދަށުން 400 މިލިއަން ޑޮލަރު ލިބުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް

  • އަދި ލައިން އޮފް ކްރެޑިޓްގެ ތެރެއިން ވެސް އެހީ ހޯދުމުގެ ފުރުސަތު އެބައޮތް

  • ރައީސް ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައި

ރާއްޖެއަށް މާލީގޮތުން އެހީވާން އިންޑިއާ އޮތީ ތައްޔާރަށްކަމަށް އެ ގައުމުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އިންޑިއާ އޮފިޝަލަކު އެގައުމުގެ ނޫސްތަކަށް ދީފައިވާ މައުލޫމާތުތަކެއްގައެެވެ.

އިންޑިއާގެ ނޫސްތަކަށް ދީފައިވާ މައުލޫމާތުގައިވާގޮތުން ރިޒާވް ބޭންކް އޮފް އިންޑިއާ، އާރްބީއައިގެ ކަރަންސީ ސްވޮޕް ޕްރޮގްރާމުގެ ދަށުން 400 މިލިއަން ޑޮލަރު ލިބުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ. އަދި 2019 ވަނަ އަހަރު ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ވެސް އެހީ ހޯދުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ދިވެހި ސަރުކާރުން މިކަމާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މާލީގޮތުން ގިނަ ގޮންޖެހުންތަކެއް ޤައުމަށް ކުރިމަތިވެފައިވީނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ މިހާލަތުގައި އަވަށްޓެރި ޤައުމުތަކުގެ އެހީތެރިކަމާއެކު ހަރުދަނާ ފިޔަވަޅުތައް އަޅުއްވަމުންނެވެ.

މާލީ ވުޒާރާއިން މީގެކުރިން ވިދާޅުވެފައިވަނީ، ޤައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެކުވެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން މާލީ އެހީތެރިކަން ޔަޤީންކޮށް، ހުރިހާ އިންވެސްޓަރުންނާއިއެކުވެސް ރަނގަޅު ގުޅުމެއް ދަމަހައްޓަމުން ގެންދާ ކަމަށެވެ.

ރާއްޖެއަށް މާލީގޮތުން އެހީވާން އިންޑިއާ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އޮފިޝަލަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިދިޔަ ހަފްތާގެތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ނޫސްތަކުގައިވާގޮތުން އެ ދަތުރުފުޅުގެތެރެއިން މާލީ އެހީތެރިކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ބެލެވޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

މިއަހަރުގެ ޖޫން މަހު ކުރެއްވި އެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން، ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރާއްޖެއާ އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.