ޚަބަރު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުން، ހޯމަ ދުވަހު ހަމަވާނެ


  • ފޯމު ހުށަހެޅުމުގެ މުއްދަތު، މި މަހުގެ 16ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެ

  • ހަތަރު ގިންތިއަކުން އިނާމު ދިނުމަށްވަނީ ހަމަޖެހިފައި

  • ޚާއްޞަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ފޯމު ހުށަހެޅުމުގެ މުއްދަތު، އަންނަ ހޯމަ ދުވަހު ހަމަވާނެއެވެ.

އިނާމަށް ނަންހުށަހަޅާއިރު، ފޯމާ އެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް، ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަކޮށްހުށަހެޅުމަށާއި، އެ ލިޔުންތަކުގެ ދެ ފުށުގައި ލިޔެފައިވާނަމަ، ދެ ފުށްވެސް އެޓެސްޓްކޮށް ހުށަހެޅުމަށް، ފޯމު ހުށަހަޅާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން އެދިވަޑައިގަންނަވައެވެ.

އަދި މިހާރު ހުށަހަޅުއްވާފައިވާ މަޢުލޫމާތުތައް، މުއްދަތު ހަމަވުމުގެ ކުރިން އިތުރަށް ބައްލަވައި ކަށަވަރު ކުރެއްވުމަށްވެސް ވަނީ އެދިވަޑައިގަންނަވާފައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މި އަހަރު އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންނެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ގިންތިތައް

* މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމު ދޭ ގިންތި
* ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތައް
* ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތައް
* ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތައް

މިއިނާމަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 16ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން އޮންނާނީ، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.