ޚަބަރު

ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މައްސަލައިގެ ތަޙުޤީޤަށް މާލެއިން ޓީމެއް ފުރައިފި


  • މަރުވެފައި އޮއްވާ ފެނުނީ 50 އަހަރުގެ ދިވެހި އަންހެނެއް

ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ މައްސަލައިގެ ތަޙުޤީޤަށް މާލެއިން ޓީމެއް ފުރައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޚާއްސަ ތަޙުޤީޤު ޓީމެއް ހޮޅުދުއަށް ފުރާފައިވަނީ މިއަދު ކަމަށެވެ.

ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވާ ފެނިފައިވަނީ 50 އަހަރުގެ އަންހެނެކެވެ. މައުލޫމާތު ލިބޭގޮތުގައި މަރުވެފައިވަނީ އެ ރަށުގެ މާރަނގަ، ޒަކިއްޔާ މޫސާ މަނިކުއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޒަހަމްތަކާއެކު އަންހެނަކު އޮތްކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އެޓެންޑުވެ އަންހެން މީހާ އެ ރަށުގެ ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށް ވިދާޅުވެއެވެ.

ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް އަންހެން މީހާ މަރުވެފައިވާކަމަށް އެ ސެންޓަރުން މައުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެ އަންހެން މީހާ ފެނިފައިވަނީ އެރަށު ނިއުލައިފް ނަމަކަށް ކިޔާ ގެއެއްގެ ގުދަން ތެރެއިންނެވެ. ޒަހަމްތަކަކާއެކު އޭނާ ފެނިފައިވަނީ އެގެއަށް މިއަދު ހެނދުނު 9:30 ހާއިރު ކުނި ނަގަން ދިޔަ މީހަކަށެވެ.

އަންހެން މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއްނުވެއެވެ. މިކަމާ ގުޅިިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.