ޚަބަރު

މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަރޝިޕް ފުރުޞަތު ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


  • މައިގަނޑު 6 ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ލިބޭނެ

  • %70އާއި ހަމައަށް ޓިއުޝަން ފީ އިން ޑިސްކައުންޓްތައް ލިބޭނެ

  • މެލޭޝިއާއަށް ކިޔަވަން ދާން ލޯނު ނަގާފައިވާ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެ

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސަރވިސްއާއި ގުޅިގެން ރާއްޖެއަށް 561 ސްކޮލަރޝިޕް ފުރުޞަތު ހަމަޖައްސަވައިފިއެވެ.

މި ސްކޮލަރޝިޕް ފުރުޞަތުގެ އެއްބަސްވުމުގައި މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވި ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. އަދި އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ، ނޯވީ ތާޖުއްދީނެވެ.

މި އެއްބަސްވުމުގެ ދަށުން 6 ދާއިރާއަކުން 561 ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

ސްކޮލަރޝިޕްއަށް ހުޅުވާލާ ދާއިރާތައް:

• އާރޓްސް އެންޑް ހިއުމެނިޓީސް: 75 ސްކޮލަރޝިޕް
• އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ: 150 ސްކޮލަރޝިޕް
• ލައިފް ސައިންސަސް އެންޑް މެޑިސިން: 63 ސްކޮލަރޝިޕް
• ނެޗުރަލް ސައިންސަސް: 11 ސްކޮލަރޝިޕް
• ސޯޝަލް ސައިންސެސް އެންޑް މެނޭޖްމަންޓް: 255 ސްކޮލަރޝިޕް
• އެހެނިހެން: 7 ސްކޮލަރޝިޕް

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ މި ފުރުޞަތުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ޔުނިވަރސިޓީތަކުން ކޯސްތައް ފުރިހަމަކުރުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ލިބޭނެކަމަށެވެ.

މިއީ ތަޢުލީމީ ފުރުޞަތެއްގެ އިތުރުން، ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަކުން މީހުން ބިނާކުރުމަށްވެސް ހުޅުވޭ ފުރުޞަތެއްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ޒުވާނުންގެ ޖީލެއް ބިނާކުރުމަކީވެސް ސަރުކާރުގެ މުހިންމު މަޤުޞަދެއްކަމަށް ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ.

"މި ފުރުޞަތުގެ ސަބަބުން މުހިންމު ދިރާސާތަކާއި އިޖާދީ ވިސްނުންތަކަށް ކުދިން ވަދެ، ޤައުމުގެ ތަރައްޤީކުރުމުގައި ބައިވެރިވާނެ ޒުވާނުންތަކެއް އުފެދޭނެ. މި އެސްބަސްވުމުގެ ދަށުން ސްކޮލަރޝިޕަށް ވަނުމުގެ ފުރުޞަތު ލޯނު އެހީގައި ކިޔަވާ ކުދިންނަށްވެސް ލިބޭނެ. ހަފްތާއެއްހާ މުއްދަތުގައި ސްކޮލަރޝިޕަށް ކުރިމަތިލާން ފުރުޞަތު ހުޅުވާލާނަން." މަތީ ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

މެލޭޝިއާގެ އޭ.އެމް.ޖީ.އެސްގެ ސީއީއޯ ނޯވީ ތާޖުއްދީން ވިދާޅުވީ، މި ފުރުޞަތުގައި ދަރިވަރުންގެ ކޯސްފީއިން ދޭ މާލީ އެހީގެ އިތުރުން، ދަރިވަރުންނަށް ވިސާ އަދި އިދާރީ ކަންކަން ހަމަޖެއްސުމުގައިވެސް މެލޭޝިއާގެ އިދާރާތަކުގެ ލުއިފަސޭހަކަން ހޯދައިދޭނެކަމަށެވެ. އަދި ރާއްޖެއާއެކު ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް، އިތުރު ފުރުޞަތުތައް ހޯދުމަށް މަގުފަހިކޮށްދެއްވާނެކަމަށެވެ.

"މި ފުރުޞަތުގައި 611 ޕްރޮގްރާމެއްގެ ތެރެއިން ދަރިވަރު ކިޔަވަން ބޭނުންވާ ދާއިރާ ޚިޔާރުކުރެވޭނެ. އުއްމީދަކީ މި އެއްބަސްވުމުގެދަށުން ރާއްޖެއާއި މެލޭޝިއާއި ދެމެދު ގިނަ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުން." މެލޭޝިއާގެ އޭއެމްޖީއެސްގެ ސީއީއޯ ނޯވީ ތާޖުއްދީން ވިދާޅުވިއެވެ.

މި ފުރުޞަތުގައި މެލޭޝިއާގެ ޔުނިވަރސިޓީތަކުން ދަރިވަރުންނަށް %70އާއި ހަމައަށް ޓިއުޝަން ފީއިން ބޮޑެތި ޑިސްކައުންތައް ލިބޭނެއެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ފުރުޞަތުގައި، މެލޭޝިއާއަށް މިހާރު އަމިއްލައަށް ލޯނު ނަގައިގެން ކިޔަވަން ދާން ހަމަޖައްސާފައިވާ ދަރިވަރުންވެސް ބައިވެރިވެ، ޓިއުޝަން ފީ އިން ބޮޑެތި ޑިސްކައުންޓްތައް ހޯދުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.

މެލޭޝިއާއަކީ އެކި ދާއިރާތަކުން މަތީ ތަޢުލީމަށް ކިޔެވުމަށް ދިވެހި ދަރިވަރުން ހިޔާރުކުރާ އެންމެ މަޤުބޫލު އެ ޤައުމެވެ. އެގޮތުން މިވަގުތުވެސް 1700 އެއްހާ ދިވެހި ދަރިވަރުން އަންނަނީ އެ ޤައުމުގެ އެކި ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާޞިލުކުރަމުންނެވެ.