ބަންކަރިންގެ ޚިދުމަތަކީ ރާއްޖެއަށް އޭގެ ސަބަބުން ބޮޑު އާމްދަނީއެއް ލިބި އިޤްތިސާދީގޮތުންވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއްކަމަށް ރާއްޖޭގެ މެރިޓައިމް ދާއިރާގެ ތަޖުރިބާކާރުން ބުނެފިއެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް އާމްދަނީ ލިބޭނެ އިތުރު މަގުތައް ތަނަވަސްކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. މި މަސައްކަތުގެ ދަށުން ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ މިމަހު ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށެވެ.
ދުނިޔޭގެ މެޕުގައި ރާއްޖެ އޮންނަ ސަރަހައްދަކީ އާގުބޯޓުތައް އާންމުކޮށް ދަތުރުކުރާ ހިސާބެކެވެ. އެހެންކަމުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށިއްޖެނަމަ މިއީ އިޤްތިސާދީގޮތުން ރާއްޖެއަށް އެތައް ކުރިއުމެއް ލިބޭނެ ކަމެއްގެގޮތުގައި ސަރުކާރުން ދެކެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމްޕީއެލުން ވަނީ ރާއްޖޭގެ މެރިޓައިމް ދާއިރާގެ ތަޖުރިބާކާރުންނާއި ބައްދަލުކޮށް އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދާފައެވެ.
މި ބައްދަލުވުމަށްފަހު ޕީއެސްއެމްނިއުސްއާ ވާހަަކަދައްކަވަމުން މީގެކުރިން އެމްޕީއެލްގެ ޗެއާމަންކަން ކުރެއްވި އަދި ބޭރު ބޯޓު ފަހަރުގައި ގިނަ ތަޖުރިބާތަކެއްކޮށްފައިވާ މުޙައްމަދު ޝަރީފް ވިދާޅުވީ މި ދާއިރާއިން ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ލިބެން އެބަހުރި ކަމަށެވެ.
"އަންނަ ކޮންމެ ސަރުކާރަކަށްވެސް މިކަމުގެ އައިޑިއާ ދެމުންދަނީ، ކުރީ ސަރުކާރުންވެސް ފަށަންވެގެން އުޅުނު، އެކަން ނުވެފައޮތީ، މިހާރު މިވަނީ މިކަން ފަށަން ތައްޔާރުވެފައި. މިއީ ރާއްޖެއަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ކަމެއް،" ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގައި ބަންކަރިންގ ޚިދުމަތް ފެށުމާއި ގުޅޭގޮތުން އެސްޓީއޯ އާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައިވާ ޢަބްދުﷲ ސައީދު ވިދާޅުވީ މިހާރުގެ ޙާލަތުގައި ބޯޓު ފަހަރުތައް ދަތުރުކުރާ ރޫޓުގެ ގޮތުން ތެޔޮ އަޅަންޖެހޭވަރު އިތުރުވެފައިވާ ކަމަށާއި، އެހެންކަމުން ރާއްޖެއަށް މިކަމުގެ ފައިދާ ކުރާނެ ކަމަށެވެ.
"އެފްރިކާ ވަށާލާފައި އަންނަން، އެހެންވީމައި ދަތުރު ދިގުވޭ، އެހެންވީމާ އަންދާ ތެޔޮ ގިނަވާނެ، ތެޔޮ އަޅަން ޖެހުމުގެ ފުރުސަތު އިތުރުވެ، ރާއްޖެ ފަދަ ޤައުމުތަކަށް އޮޕޯޗިއުނިޓީ ބޮޑުވާނެކަމަށް، އެހެންވީމަ އެސްޓިމޭޓަކީ މިހާރުގެ ޢަދަދަށްވުރެ ބޮޑު ފައިދާއެއް ވާނެ ކަމަށް." ސައީދު ވިދާޅުވިއެވެ.
ބަންކަރިންގ ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. ބޯޓް ފަހަރު އާންމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި އެފަދަ ޚިދުމަތެއް ފެށިއްޖެ ނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅާހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު އާމްދަނީއެއް ލިބޭ ޚިދުމަތެކެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ގެނައި ފުރަތަމަ ބޯޓު ކުޅުދުއްފުށި ސިޓީއަށް މިހާރުވަނީ ބަނދަރުކޮށްފައެވެ. ބަންކަރިންގެ ޚިދުމަތް ފެށުމަށް ރާއްޖެއަށް ގެންނަނީ 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދެވެ. ދެވަނަ ބޯޓުވެސް ރާއްޖެއަށް ވަރަށް އަވަހަށް އަންނާނެ ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. ބަންކަރިންގެ ޚިދުމަތް އެންމެ ފުރަތަމަ ފަށަނީ އިހަވަންދިއްޕޮޅުގައެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްދެނީ ދުނިޔޭގެ މުދާ އުފުލާ އަދި ޝިފިންގ މަސައްކަތްތައް ކުރަމުންދާ މަޝްހޫރު ކުންފުންޏެއްކަމަށްވާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ. އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިޔަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ.