އިމިގްރޭޝަންގެ ޔުނީފޯމާ ވައްތަރު ޔުނިފޯމެއް އަޅައިގެން ބޭރުގެ ނަންބަރަކުން ސްކޭމް ވީޑިއޯ ކޯލްތަކެއް ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކުރައްވައިފިއެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކޮށްފައިވާ ޕޯސްޓެއްގައި މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ވަޓްސްއެޕް މެދުވެރިކޮށް ރާއްޖެއިން ބޭރު ޤައުމެއްގެ ނަންބަރުން ސްކޭމް ވީޑިއޯ ކޯލްތަކެއް ކުރަމުންދާ ކަމަށެވެ. މި ކޯލުތަކުގައި އިމިގްރޭޝަން ޔުނިފޯމާ ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު، އާންމުންނަށް ގުޅަމުންދާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
"ވަޓްސްއެޕް" މެދުވެރިކޮށް ރާއްޖެއިން ބޭރު ޤައުމެއްގެ ނަންބަރުން އަންނަ ވީޑިއޯ ކޯލްތަކެއްގައި އިމިގްރޭޝަން ޔުނިފޯމް އާއި ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު، އާންމުންނަށް ގުޅައި އެމީހުންގެ ޒާތީ މަޢުލޫމާތާއި، ބޭންކު ކާޑުގެ މަޢުލޫމާތު ހޯދަމުންދާކަން މި އިދާރާއަށް ވަނީ…
— Maldives Immigration (@ImmigrationMV) September 9, 2024
އަދި މި ކޯލުތަކުގައި އާންމުންގެ ޒާތީ މަޢުލޫމާތާއި ބޭންކު ކާޑުގެ މަޢުލޫމާތު ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މިއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގެ ޔަޤީންކަން ދެއްވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި މިފަދަ ސްކޭމް ކޯލުތަކަށް ސަމާލުވުމަށްވެސް އިމިގްރޭޝަނުން އިލްތިމާސްކުރެއްވިއެވެ.
ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި، ސަރުކާރުގެ އެކި އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.