ޚަބަރު

ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކުރަނީ


  • ބްރޭންޑު އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފައި

  • ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 22ވަނަ ދުވަސް

ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކުރުމުގައި ބޭނުންކުރާނެ ޚާއްޞަ ބުރޭންޑެއް ތަޢާރަފްކުރުމުގެ މަސައްކަތް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މަރކެޓިންގ އެންޑު ޕްރޮމޯޝަން ކޯރޕަރޭޝަން ލިމިޑެޓު، އެމް.އެފް.އޯ.އާރު.އެމް.ޕީ.ސީން ފަށައިފިއެވެ.

މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މަރކެޓިންގ އެންޑު ޕްރޮމޯޝަން ކޯރޕަރޭޝަނުން މިހާރު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ބްރޭންޑެއް އުފެއްދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ. އެގޮތުން ބުރޭންޑެއް އުފެއްދުމަށްޓަކައި މާރކެޓުގެ ތަފްސީލީ ދިރާސާއެއް ކުރިއަށް ގެންދިޔުމާއި، ރާއްޖޭގެ މަސްވެރިކަމާއި ގުޅޭގޮތުން މުހިންމު މައުލޫމާތުތައް އެއްކުރުން ހިމެނެއެވެ.

މިމަސައްކަތަށް ހޮވާ އެޖެންސީގެ ފަރާތުން އެމް.އެފް.އޯ.އާރު.އެމް.ޕީ.ސީއާ ގުޅިގެން ބްރޭންޑެއް އުފައްދާ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަހުގެ އުފެއްދުންތައް އިސްތިހާރުކުރުމުގެ މަސައްކަތްކުރުން ހިމެނެއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތުދިނުމުގެ ސެޝަން މިމަހުގެ 12ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 22ވަނަ ދުވަސްކަމަށްވެސް އެމްއެފްއޯއާރުއެމްޕީސީން ބުންޏެވެ.

މަސްވެރިކަމުގެ ސިނާޢަތުގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ބާޒާރުން ލިބޭ މަންފާ އިތުރުކުރުމަށް "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް" ނަމުގައި ކުންފުންޏެއް އުފައްދާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެތެރޭގައެވެ.

މި ކުންފުންޏަކީ، ރައީސުލްޖުމްހޫރިއްޔާއަށް ކުންފުނީގެ ޤާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ސަރުކާރުން ވިދާޅުވީ މި ކުންފުނި އުފެއްދެވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުންކަމަށެވެ. އެގޮތުން އެކުއަރކަލްޗަރއާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގެ މަސައްކަތް މި ކުންފުނިން ކުރިއަށް ގެންދަވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން އެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް، ޤައުމީ ބާޒާރާއި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުމަކީވެސް ކުންފުނީގެ މަގްސަދެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.