ޚަބަރު

ރޭގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދަށް


  • މި މައްސަލައިގައި ހައްޔަރުކުރީ މުޙައްމަދު ވިސާމް ސިދުޤީ

  • މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ ވަނީ ނިޔާވެފައި

ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ސ. ހިތަދޫ، ވައިލެޓްފެހި، ޢުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމު ޞިދުޤީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 02:48 ހާއިރުއެވެ. އެ އެކްސިޑެންޓްގައި ސަައިކަލް ދުއްވަން އިން 23 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު ވިސާމް ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން އަމުރުކޮށްފައިވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ.

މި އެކްސިޑެންޓް ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ބާރުސްޕީޑުގައި އުޅަނދުތައް ދުއްވާ މައްސަލަ ބޮޑުވެފައިވާއިރު އެއްވެސް ރަށެއްގައި އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި އުޅަނދު ދުއްވައިފިނަމަ އެ މީހަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަމާގުޅުންހުރި އިދާރާތަކަށް އަންގަވާފައެވެ.