ޚަބަރު

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޤާނޫނާއެކު ރާއްޖެއަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ


  • މި ޤާނޫނާއެކު އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ

  • ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޤާނޫނަށް ބަދަލު ގެނައީ 45 އަހަރަށްފަހު

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޤާނޫނާއެކު ރާއްޖެއަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފޮރިން އިންވެސްޓްމަންޓް ޤާނޫނެއް ވުޖޫދުވީ 1 މެއި 1979 ގައެވެ. އަދި ފާއިތުވި 45 އަހަރު އަމަލުކުރަމުން އައީ މި ޤާނޫނަށެވެ. އެހެންނަމަވެސް އެ ޤާނޫނަކީ ދުނިޔޭގެ ބަލަވަމުންދާ އިންވެސްޓްމަންޓް މާހައުލާއި އިޤްތިޞާދީ ހާލަތާ ނުބައްދަލު ޤާނޫނަކަށްވުމުން ސަރުކާރުން މިވަނީ މި ޤާނޫނަށް ޒަމާނީ ފުރިހަމަ ބަދަލެއް ގެނެސްފައެވެ.

ފޮރިން އިންވެސްޓްމަންޓު ޤާނޫނުގެ ބޭނުމަކީ ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ އުޞޫލުތަކާއި އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ އުޞޫލުތަކާއި، އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ޙިމާޔަތާއި ރައްކާތެރިކަމާގުޅޭ އުޞޫލުތަކާއި އެފަދަ އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ޚާއްޞަ ޙާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓްތަކަށް ބަދަލުދެވޭނެ އުޞޫލުތައް ބަޔާންކުރާ ޤާނޫނެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނު ތަސްދީގު ކުރައްވާފައެވެ. މި ޤާނޫނު ތަސްދީޤު ކުރެއްވުމާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި ޤާނޫނާއެކު އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު އިތުރުވެ، ބޭންކްތަކުންނާއި މާލީ އިދާރާތަކުން ފައިސާގެ އެހީ ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި މި ޤާނޫނުގެ ސަބަބުން އިންވެސްޓްމަންޓް ޕްރޮޓެކްޝަން ޕްރޮމޯޝަން އެގްރީމަންޓެއް ހެދި، އެ އެގްރީމަންޓް ބަލައިގަތުމުގެ ޖާގަ ފަހިވެގެންދާނެ ކަމަށެވެ.

"މިސާލަކަށް އަބޫދާބީއާ ރާއްޖެއާ ދެމެދު އިންވެސްޓްމަންޓް ޕްރޮޓެކްޝަން ޕްރޮމޯޝަން އެގްރީމަންޓެއްގައި ސޮއިކުރެއްވިއްޖެނަމަ އެމިރޭޓްސްއަށްވެސް އަދި އާބޫދާބީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީއަކަށް ރާއްޖޭގައި ވިޔަފާރިކުރާއިރު ދެވަނަ ޔަޤީންކަމެއް އެބަލިބޭ ބައިނަލްއަޤްވާމީގޮތުން ވެސް ތިމަންނަމެންނަށް އިތުރު ރައްކާތެރިކަމާ ހިމާޔަތް ލިބޭނެކަން. އޭގެ ސަބަބުން މުސްތަޤްބަލުގެ އިންވެސްޓްމަންޓްތަކަށް ބަލާއިރު އިންޓަރނަލް ޕްރީ އިންވެސްޓްމަންޓް އޮޑިޓްތަކެއް ހަދާނެ، އޮޑިޓް ހަދާއިރު ރާއްޖެއަކީ ބައިނަލްއަޤްވާމީ މިންގަނޑުގައި ދުނިޔޭގެ އެހެން ޤައުމުތަކާ ވެސް ފައިހަމަކުރެވޭނެ ހިސާބުގައި ލީގަލް ސްޓްރަކްޗަރ ހެދިފައި އޮތް ޤައުމަކަށްވުމުން ބޭންކްތަކުން ވެސް ފައިސާގެ އެހީދޭ ފަރާތްތަކުން ވެސް ޓިކް ޖަހާނެ" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޤާނޫނާ އިސްލާހު ކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރެއްވިކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރެއްވުނީ މިހާރުގެ ސަރުކާރަށް ކަމަށެވެ.

"ކުރިން އެހެން ސަރުކާރުތަކުން މި ބިލް އެކުލަވާލާފައިވާ ގޮތާ ހިލާފަށް ވަރަށް އިންކްލޫސިވްގޮތެއްގައި ރާއްޖެއަށް އިންވެސްޓްމަންޓް ގެނެވޭނެ ދާއިރާތައް އިންވެސްޓް ކުރެވޭނެ ދާއިރާތައްވެސް ކަނޑައަޅާގޮތަށް ޤާނޫނު ފަރުމާކޮށްފައި މި އޮތީ. އެކަމުގެ ފައިދާ ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބިގެންދާނެ." އުޝާމް ވިދާޅުވިއެވެ.

ސަރުކާރުން ވިދާޅުވީ، އަތޮޅުތަކުގައި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށެވެ. އެގޮތުން އެ މަސައްކަތުގައި ކައުންސިލްތައް ބައިވެރި ކުރުމަށް މިހާރު ވެސް އިންވެސްޓް މޯލްޑިވްސްއާއެކު ޕްރޮމޯޝަންގައި މަސައްކަތް ކުރުމަށް ދައުވަތުދީފައިވާކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޤާނޫނެއް 45 އަހަރަށްފަހު އަލުން ވުޖޫދުވިޔަސް، ރާއްޖޭގެ ވިޔަފާރިވެރިންގެ މަސްލަހަތު ޙިމަޔާތް ކުރެވިގެންދާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައެވެ.