ޚަބަރު

ތަހުޒީބު މުޖުތަމަޢަކަށް ލިޔަން ކިޔަން ދަތުން މުހިންމު!


  • އިޖުތިމާޢީ މިނިވަންކަން އިންސާނާއަށް ލިބޭނީ ލިޔަން ކިޔަން އެނގިގެން

  • ރާއްޖޭގެ އާބާދީގެ 98 އިންސައްތަ މީހުން ލިޔަން ކިޔަން ދަނޭ

  • އަސާސީ ތަޢުލީމުގެ ޕްރޮގުރާމަކީ ލިޔަން ކިޔަން ދަސްކޮށްދިން ކާމިޔާބު ޕްރޮގުރާމެއް

  • އިންސާނުން ތަރައްޤީވެ ކުރިއަރާ ދިއުމަށް ދޮރު ހުޅުވައިދެނީ ލިޔަން ކިޔަން ދަތުން

މިއަދަކީ ބައިނަލްއަޤުވާމީ ލިޔަން ކިޔަން ދަތުމުގެ ދުވަހެވެ. މި ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ސެޕްޓެންބަރުމަހުގެ 8 ވަނަ ދުވަހުއެވެ. ލިޔަން ކިޔަން ދަތުމުގެ ދުވަހެއް ފާހަގަކުރުމުގެ މަޤުޞަދަކީ ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީގައި ލިޔަން ކިޔަން ދަތުމުގެ މުހިންމުކަމުގެ މަތިން ހަނދުމަކުރުމެވެ.

ކޮންމެ މީހަކަށްވެސް އުނގެނުމަކަށް މަގު ފަހިކޮށްދެނީ އެ މީހަކަށް ލިޔާށާއި ކިޔަން އެނގޭނަމައެވެ. އިންސާނާ ހޭލުންތެރިވެ ތަހުޒީބުވުމަށްޓަކައި ފުރަތަމަ ގިރާކުރަންޖެހޭ ހަރުފަތަކީ ލިޔަން ކިޔަން އެނގުމެވެ. އެހެނީ ލިޔަން ކިޔަން ނޭނގޭނަމަ އުނގެނޭކަށް ނޭނގޭނެއެވެ. ލިޔަން ކިޔަން ދަތުމުގެ ދުވަހެއް ދުނިޔޭގައި ފާހަގަކުރަން ފެށީ އުނގެނި ޢިލްމީ މީހަކަށްވުމަށް ލިޔަން ކިޔަން އެނގުން އަދާކުރާ މުހިންމު ދައުރުގެ ސަބަބުންނެވެ.

އިންސާނާ މީހަކަށް ހަދައިދެނީ ލިޔަން ކިޔަން އެނގުމުންނެވެ. އިޖުތިމާޢީ މިނިވަންކަން އިންސާނާއަށް ލިއްބައިދެނީވެސް ލިޔަން ކިޔަން އެނގިގެންނެވެ. ދީނީގޮތުން ކޮންމެހެން އެނގެންޖެހޭ ކަންކަމާއި އަސާސީ ތަޢުލީމަށް ހޭލުންތެރިވެވޭނީވެސް ލިޔަން ކިޔަން އެނގިގެންނެވެ.

ލިޔަން ކިޔަން ނުދަންނަ މީހުން އަދިވެސް ދުނިޔޭގައި ވަރަށް ގިނައެވެ. އާބާދީގެ 26 އިންސައްތަ ލިޔަން ކިޔަން ދަންނަ މީހުން ދިރިއުޅޭ ޤައުމުތައްވެސް ދުނިޔޭގައި އެބައޮތެވެ. ނަމަވެސް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ގިނަ މީހުންނަކީ ލިޔަން ކިޔަން ދަންނަ މީހުންނެވެ. 2014 ވަނަ އަހަރު ނެޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްއިން ޢާންމުކުރި މަޢުލޫމާތަށް ބަލާއިރު ރާއްޖޭގެ އާބާދީގެ 98 އިންސައްތަ މީހުންނަކީ ލިޔަން ކިޔަން ދަންނަ މީހުންނެވެ.

ނަމަވެސް ދިވެހި ތާރީޚުގައި ރާއްޖޭގައި ހޭލުންތެރިކަމާއި ތަޢުލީމީ ފެންވަރު ދަށް ދުވަސްތަކެއް ދިޔައެވެ. މީލާދީގޮތުން 1980 ވަނަ އަހަރާއި އޭގެ ކުރިން، ގިނަ ދިވެހިންނަކީ ލިޔަން ކިޔަން ނުދަންނަ މީހުންނެވެ. 1980 ވަނަ އަހަރުގެ ކުރީކޮޅު، 15 އަހަރާއި 50 އަހަރާ ދެމެދުގެ ޢުމުރުފުރައިގެ ދިވެހިންގެ ތެރެއިން 24.77 އިންސައްތަ މީހުންނަކީ ލިޔަންކިޔަން ނުދަންނަ މީހުންނެވެ.

ޤައުމެއްގެ ނިސްބަތަށް ބަލާއިރު އާބާދީގެ 4 ބައިކުޅަ 1 ބައި މީހުން ލިޔަން ކިޔަން ނުދަތުމަކީ އެ ޤައުމެއްގައި ހޭލުންތެރިކަމާއި ތަޢުލީމީ މީހުން މަދުކަން ހާމަކޮށްދޭ ކަމެކެވެ. ޙަޤީޤަތަކީ 1980 ވަނަ އަހަރާއި އޭގެ ކުރިން ދިވެހި ޤައުމުގެ ޙާލަތަކީ މިއީކަމެވެ. މި ޙާލަތުން އަރައިގަނެ، 98 އިންސައްތަ ލިޔަން ކިޔަން ދަންނަ ބަޔަކު ދިރިއުޅޭ ޤައުމެއްގެ ލަޤަބު ދިވެހި ހޯދީ، ބަޔަކުކުރި ބުރަ މަސައްކަތްތަކެއްގެ ސަބަބުންކަން ކަށަވަރެވެ.

މި ދަންނަވަނީ މުޅި ރާއްޖެއިން ލިޔަން ކިޔަން ނުދަތުން ފޮހެލުމަށް އޭރު އޮތް ދިވެހި ސަރުކާރުން ފެއްޓެވި އިންޤިލާބީ ބޮޑު މަޝްރޫޢުގެ ވާހަކައެވެ. 1980 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހު އިޢުލާންކުރެވުނު އަސާސީ ތަޢުލީމްގެ ޕްރޮގުރާމާއެކު ދިވެހި ދީބުގެ ތަޢުލީމީ މަލަމަތި މުޅިން ބަދަލުކޮށްލިއެވެ.

އަސާސީ ތަޢުލީމްގެ ޕްރޮގުރާމް ވެގެންދިޔައީ ހެޔޮ ނަސީބާއި ބާއްޖަވެރިކަމުގެ އަލި ނޫރެއް ދިވެހި އުންމަތަށް ގެނެސްދިން ޕްރޮގުރާމަކަށެވެ. ވަރަށް ޖޯޝާއި ފޯރީގައި 15 އަހަރާއި 50 އަހަރާ ދެމެދުގެ ޢުމުރުގެ ދިވެހިންނަށް ލިޔަން ކިޔަން ދަސްކޮށްދޭން ސަރުކާރުން ފެއްޓެވިއެވެ. އުނގެނުމާއި ތަޢުލީމް ޙާސިލްކުރުމަށް މި އުފެދުނު ފޯރީގައި އުނގަންނާދިނުމަށްވެސް ވަރުގަދަ ފޯރިއެއް އުފެދުނެވެ. ރާއްޖޭގައި އޭރު ތިބި މަދު މުދައްރިސުންކޮޅަކާއި ލިޔަން ކިޔަން ދަންނަ ގިނަ ބަޔަކު ހިލޭސާބަހަށް ކިޔަވައިދޭން ފެށިއެވެ.

އަސާސީ ތަޢުލީމުގެ ޕްރޮގުރާމްގައި ހިލޭސާބަހަށް ކިޔަވައިދިނުމުގައި މަސައްކަތްކުރެއްވި އެއް ބޭފުޅަކީ މިހާރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޕްރޮފެސަރެއްކަމަށްވާ ޑރ. ޢަލީ ޝަމީމެވެ. ޑރ. ޝަމީމް އޭރު ހުންނެވީ އެދުވަސްވަރު މާލޭގައި ހިންގަމުންދިޔަ ޕްރައިމަރީ ސްކޫލެއްކަމަށްވާ ހަނިއްޔާ ސްކޫލްގެ ޕްރިންސިޕަލަކަށެވެ. އަސާސީ ތަޢުލީމުގެ ޕްރޮގުރާމްގެ ތަޖުރިބާ ޙިއްސާކުރައްވަމުން ޑރ. ޝަމީމް ވިދާޅުވީ ސަރުކާރުގެ އެދިވަޑައިގަތުމަށް ރޭގަނޑާއި ހަވީރު ކުލާސްތައް ހަނިއްޔާ ސްކޫލުގައި ހިލޭސާބަހަށް ކުރިއަށްގެންދެވުނު ކަމަށެވެ.

"ހަނިއްޔާ ސްކޫލް ހުރި ހިސާބުގަނޑުގައި އުޅޭ އެންމެންނަށްވެސް ބައިވެރިވެވޭ ގޮތަށް ކުލާސްތައް ކުރިއަށްގެންދިޔައީ ހިލޭސާބަހަށް. އަޅުގަނޑު ދަންނަވަން ބޭނުންވަނީ ދިވެހިރާއްޖޭގައި ހިންގުނު ޤައުމީ ތަރައްޤީގެ އެންމެ ކާމިޔާބު އެއް ޕްރޮގުރާމަކީ އަސާސީ ތަޢުލީމުގެ ޕްރޮގުރާމޭ." ޑރ. ޢަލީ ޝަމީމް ވިދާޅުވިއެވެ.

އަސާސީ ތަޢުލީމުގެ ޕްރޮގުރާމް ކުރިއަށްގެންދިޔަ ދުވަސްވަރު، ކުދިބޮޑު އެންމެންގެ ކިބައިގައި ކިޔެވުމަށް އޮތް ރޫޙު އޭރު ސްކޫލްގައި ކިޔަވަން އުޅުއްވި ދަރިވަރަކުވެސްވަނީ ޕީއެސްއެމް ނިއުސްއާ ޙިއްސާކޮށްފައެވެ.

"އަސާސީ ތަޢުލީމަށް ޚާއްޞަކޮށްގެން ވަކި ކުލާސްތަކެއް ސްކޫލްގައި އުފެދުނީ. ވަރަށް ބޮޑެތި މީހުންވެސް އުނގެނުމަށް ކުލާސްތަކަށްދޭ. ކޮންމެ މީހަކުވެސް ވަރަށް ކުރާހިތުން ކިޔަވަން އައީ." އެދުވަސްވަރު ސްކޫލްގައި ތަޢުލީމު ޙާސިލްކުރަމުންދިޔަ ދަރިވަރަކު ބުންޏެވެ.

އަސާސީ ތަޢުލީމުގެ ޕްރޮގުރާމްގެ ކިޔެވުންތައް އަތޮޅުތަކުގައިވެސް ވަރަށް ފޯރިއާއެކު ކުރިއަށްދިޔައެވެ. މި ޕްރޮގުރާމްގެ ދަށުން އަތޮޅުތަކުގައި ލިޔަން ކިޔަން ދަސްކޮށްދިނުމުގެ މަސައްކަތުގައި އުޅުއްވި އެއް ބޭފުޅަކީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތްކުރައްވަމުން ގެންދަވާ މުޙައްމަދު މުފީދެވެ.

މުފީދު ވިދާޅުވި ގޮތުގައި އަސާސީ ތަޢުލީމްގެ ޕްރޮގުރާމް ފެށުނުއިރު އަތޮޅުތަކުގެ ގިނަ މީހުން ތިބީ އުނގެނުމުގެ ފިކުރެއްގައެއް ނޫނެވެ. އެހެންނަމަވެސް އުނގެނުމަށް މީހުންގެ ކިބައިގައި ޝައުޤު އުފެއްދިގެންދިޔައީ ރަށްރަށުގެ ކަތީބުން ކުރެއްވި ބުރަ މަސައްކަތުންކަން މުފީދު ފާހަގަކުރައްވައެވެ.

"ކުލާހަށް މީހަކު ހާޒިރު ނުވިޔަސް ސީދާ ކަތީބު ދާނީ އެމީހަކު ބަލައި. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން ކުރާކަށް ނުޖެހުނު. މީހުންގެ ކިބައިގައި އަސާސީ ތަޢުލީމު އުނގެނުމަށް ބޮޑު ޝައުގުވެރިކަމެއް އުފެދިގެން ދިޔައީ." މުފީދު ވިދާޅުވިއެވެ.

އަސާސީ ތަޢުލީމް ޕްރޮގުރާމުގެ ކާމިޔާބު 6 އަހަރަށްފަހު ދިވެހިރާއްޖޭގައި ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތް އާބާދީގެ 93 އިންސައްތައަށް އިތުރު ކުރެވުނެވެ. އެދުވަސްވަރުގެ ގިނަ މީހުން ސިފަކުރާ ގޮތުގައި އަސާސީ ތަޢުލީމްގެ ޕްރޮގުރާމަކީ ދިވެހިރާއްޖޭގެ ތަރައްޤީގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހިންގެވި އެންމެ ކާމިޔާބު ޕްރޮގުރާމެވެ.

ރާއްޖޭގެ ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތް، 98 އިންސައްތައިގައި މިހާރު އޮތުމަކީ އެ ޕްރޮގުރާމުގެ ނަތީޖާއެވެ. މިއަދު ރާއްޖެ މިދެކޭ ތަރައްޤީއާއި ތަހުޒީބުގެ ފެށުމަކީ އަސާސީ ތަޢުލީމްގެ ޕްރޮގުރާމްކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.

ކޮންމެއަކަސް ލިޔަން ކިޔަން ދަތުމަކީ ބަވަނަވެ ބަދަލުވެ ކުރިއަރަމުންދާ ދުނިޔެއެއްގެ ކުރީ ސަފުގައި ސާބިތުވެ ހުރުމަށް ވަރަށް މުހިންމުކަމެވެ. ތަޢުލީމީ ގޮތުން އިންސާނާ ކުރިއަރާ ދިއުމަށް ލިޔަން ކިޔަން ދަތުން ދޮރު ހުޅުވައިދޭއިރު، މިއަދު ޢަޒުމު ކަނޑައަޅަންވީ އަޅުގަނޑުމެންގެ ތެރެއަށް އުފަންވާ ކޮންމެ ކުއްޖަކީ ލިޔަން ކިޔަން ދަންނަ ކުއްޖަކަށް ހެދުމަށެވެ.