ސަރުކާރުން ބޭނުންވަނީ ޒަމާނީ ވަސީލަތްތަކާއެކު ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވީ، ނެޝަނަލް ސިންގަލް ވިންޑޯ، "ޓްރޭޑިއަން" އިފްތިތާހުކުރުމަށްޓަކައި ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޓްރޭޑިއަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.
ސިންގަލް ވިންޑޯއެއް ޤާއިމްކުރުމަކީ 2016ވަނަ އަހަރު ފެށި މަސައްކަތެއް ކަމަށާއި މިހާރު އެނިޒާމުގެ ފުރަތަމަ މަރުހަލާގެ ޚިދުމަތްތައް އިފްތިތާހުވެގެންދިޔުމަކީ ބޮޑު ކާމިޔާބީއެއް ކަަމަށްވެސް ވިދާޅުވި.
"2019ގައި މި މިމަސައްކަތް ހުއްޓުނު، މިހާރު މި ޕްރޮޖެކްޓު ސްޓާޓު މިވީ، ފާސްޓު ފޯވަޑު، އަންނަ އަހަރުގެ ކުއާޓަރ ވަން ގައި މުޅި ފުލް ޕްރޮސެސް އެއްކޮށް ނިމިގެންދާނެ، މިއީ ވިޔަފާރިވެރިން އުއްމީދުކުރާ ހަލުވި ދުވެއްޔެއްގައި ކުރިއަށްދާނެ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ޒަމާނީ ބަދަލުތައް ވިޔަފާރީގެ މާހައުލަށް ގެނައުމަށް ކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި އިތުބާރު ލިބިފައިވާ އެކި އީ-ވޮލެޓް ޚިދުމަތްތައް ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ކުރިއެރުންތައް ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މީގެކުރިން ދުވަހަކުވެސް ޕޭޕަލްއަކާއި ވާހަކައެއް ނުދެއްކޭ، ކުރި މަސައްކަތުން ޕޭޕަލްއަށްވަނީ ޕްރޮޕޯސަލް ހުށަހަޅާފައި، އެކަން ކުރާނަން، ދެން އޮތް ކަމަކީ ޔޫޓިއުބު، އެމޭޒޯން ފަދަ ޕްލެޓުފޯމުތަކުގައި ހުރި ރެސްޓްރިކްޝަންސްތައް،" ވަޒީރު ވިދާޅުވިއެވެ
ވަޒީރު ވިދާޅުވީ ރާއްޖޭގައި ފަންނުވެރި އެތައް ޒުވާނުންނެއް އެބައުޅޭ ކަމަށެވެ. މިޒުވާނުންގެ ވިޔަފާރިތައް ދުނިޔޭގެ މާކެޓަށް ގެންދެވޭނެ މާހައުލެއް ގާއިމްކުރެވިފައި ނެތް ކަމަށެވެ. ސަރުކާރުން މަސައްކަތްކުރަމުންދަނީ އަވަށްޓެރި ޤައުމުތަކާއެކުވެސް ދިވެހި އުފެެއްދުންތެރިންނަށް ވިޔަފާރިކުރެވޭނެ ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވިއެވެ.