ޚަބަރު

ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޚާއްޞަ ޕްރޮގުރާމެއް ފަށަނީ


  • ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު

  • 10 އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭނެ

  • ޕްރޮގުރާމްގައި ބައިވެރިވާން މިހާރުވަނީ ހުޅުވާލާފައި

ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޚާއްސަ ޕްރޮގުރާމެއް މިމަހުގެ 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސަލްމާން ރަސްގެފާނު މިސްކިތުގެ އިމާމް ޢަބްދުލްޖަލީލް އިސްމާޢީލް ވިދާޅުވީ ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގުރާމެއް ކުރިއަށްގެންދަން ނިންމީ އެ ރާގަށް ޤުރުއާން ކިޔަވަން ދަންނަ މީހުން ރާއްޖޭގައި މަދުވުމުން ކަމަށެވެ. ތަރުތީލުކޮށް ޤުރުއާން ކިޔެވުމަކީ ލަސް ރާގަކަށް އަކުރުތަކަށް ދާމަފަ ޤުރުއާން ކިޔެވުންކަމަށް ޢަބްދުލްޖަލީލް ވިދާޅުވިއެވެ.

ޖަލީލް ވިދާޅުވީ މި ޕްރޮގުރާމް ކުރިއަށްގެންދަނީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތިން ކަމަށެވެ.

ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގުރާމްގައި ކިޔަވައިދެއްވާނީ އެގޮތަށް ޤުރުއާން ކިޔަވަން ދަންނަ މޮޅެތި ޤާރީންކަން ޖަލީލު ފާހަގަކުރެއްވިއެވެ.

ޢަބްދުލްޖަލީލް އިސްމާޢީލް ވިދާޅުވީ މިވަގުތު ޕްރޮގުރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހުކުރު ދުވަހެއްގެ ޢިޝާ ނަމާދަށްފަހު ރޭގަނޑު 8:00 އިން 9:00 އަށް ކަމަށެވެ. އަދި ޕްރޮގުރާމްގައި ބައިވެރިވާ މީހުންގެ އަދަދަށް ބެލުމަށްފަހު، ހުޅުމާލޭގެ މިސްކިތެއްގައިވެސް ޕްރޮގުރާމް ފެށުމުގެ ވިސްނުން އެބަހުރިކަމަށް ސަލްމާން މިސްކިތުގެ އިމާމް ވިދާޅުވިއެވެ.

ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގުރާމް ކުރިއަށްގެންދިއުމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ނިންމަވާފައިވަނީ 10 އަހަރުން މަތީގެ ކޮންމެ މީހަކާއި ކުއްޖަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ. އަދި ޕްރޮގުރާމް ކުރިއަށްގެންދާނެ ވަކި މުއްދަތެއް ކަނޑައަޅާފާނުވާއިރު، ކޮންމެ ދުވަހެއްގައިވެސް ޕްރޮގުރާމްގައި ބައިވެރިވެވިދާނެކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ.

ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވީ ގޫގުލް ފޯމެއް ފުރިހަމަކުރުމުން ޕްރޮގުރާމްގައި ބައިވެރިވެވޭނެ ކަމަށާއި ގޫގުލް ފޯމު އެ މަރުކަޒުގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުން ލިބޭނެ ކަމަށެވެ.

ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގުރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅިގެންނެވެ.