ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ވިޝަންއަކީ ކުރިއަރާފައިވާ ޤައުމުތަކުގައި ރިއަލް އެސްޓޭޓް ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފަންނީ ލަފައާއިއެކު "އިންވެސްޓަރ ވިސާ" ރާއްޖޭގެ އިޤްތިޞާދީ ހަރަކާތެއްގެ ގޮތުގައި ތަޢާރަފްކުރުން ކަމަށް އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ އެންމެ ބޮޑު އެއް އަމާޒެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއީ ޔޫއެސް ޑޮލަރުން ފައިސާ ލިބޭނެ ކަމެއް ކަމަށެވެ. އަދި މި މަސައްކަތުގައި މިހާރު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
"ދުނިޔޭގެ އެންމެ މިކަމުގައި ކުރިއަރާފައިވާ ބައެއް ކުންފުނިތަކާއެކު މިދަނީ މަސައްކަތްކުރަމުން، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ގެންދިޔުމަށްޓަކައި." ސަޢީދު ވިދާޅުވިއެވެ.
މިކަމާގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ކުރިއަރާފައިވާ ޤައުމުތަކުގައި ރެއަލް އެސްޓޭޓް ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފަންނީ ލަފައާއެކު "އިންވެސްޓަރ ވިސާ" އިޤްތިޞާދީ ހަރަކާތެއްގެ ގޮތުގައި ތަޢާރަފުކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ އަމާޒެއްކަމަށެވެ.
ރާއްޖޭގައި މިހާރު ދޫކުރަމުން އަންނަ ކޯޕަރޭޓް ރެސިޑެންސް ވިސާއަކީ 2013 ވަނަ އަހަރުން ފެށިގެން ދޫކުރަމުން އަންނަ ވިސާއެއް ކަމަށާއި، 2020ގައި އެ ވިސާއަށް ބަދަލުތަކެއް ގެނެސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކޯޕަރޭޓްރސިޑެންސްކިޔާވިސާއެއްތަޢާރަފުކުރީ2015ގަ. 2020ގައިބަދަލުތަކެެއްގެނައި.ރ ޑރ.މުޢިއްޒުގެ މެނިފެސްޓޯވިޝަންއަކީކުރިއަރާފައިވާޤައުމުތަކުގައި ރެއަލްއެސްޓޭޓްބާޒާރުފުޅާކުރިތަޖުރިބާއަދި އިންޓަނޭޝަނަލްފަންނީލަފައާއިއެކު“އިންވެސްޓަރވިސާ”އިކޮނޮމިކްއެކްޓިވިޓީއެއްގެގޮތުގައިތަޢާރަފުކުރުން
— Mohamed Saeed (@em_saeed) September 2, 2024
ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވަރަށް ފުޅާކޮށް ހިންގާ ޕްރޮގްރާމެއްކަމަށެވެ. އަދި އެޤައުމުތައް ކުރިއަރައިގެން ދިއުމުގައި އިންވެސްޓަރ ރެސިޑެންސް މުހިންމު ދައުރެއް އަދާކުރާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައިވެސް އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމް ހިންގަން ފެށުމުން އެންމެ ފުރަތަމަ މަރުހަލާގައިވެސް ދެހާހާއި ގާތްކުރާ ޢަދަދަކަށް އިންވެސްޓަރ ރެސިޑެންސް ވިސާ ހޯދުމަށް ހުށައަޅާނެކަމަށް ލަފާކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ޢަދަދު ފަސް އަހަރު ދުވަހުގެ ތެރޭގައި ހަތަރު ހާހަށް އަރާނެކަމަށާއި، މިއާއެކު 6 ބިލިޔަން ޑޮލަރާހަމައަށް އިންވެސްޓްމަންޓް ގެނެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް އިހްސާން ވިދާޅުވިއެވެ.