ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ނިންމެވުމާއި ގުޅިގެން ބޮޑު ކަންނެލި މަސްވެރިކަމުގެ ޔޫނިއަންއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވައިފިއެވެ.
މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް، އާމްދަނީ އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް އަލުން ހުޅުވައިލަން ވަޒީރުންގެ މަޖިލީހުން ނިންމެވީ މިއަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް އެ ނިންމުމަށް އަމަލު ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ނިންމަވާފައެވެ.
ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް ޢަމަލު ނުކުރަން ނިންމެވުމާއި ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްވަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު ވިދާޅުވީ، ލޭނު މަސްވެރިކަމުގެ ސަބަބުން ފައިދާވަނީ ވަކި ބަޔަކަށްކަމަށާއި އެކަމުގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
" ކުރީގައިވެސް ލޭނު ބޯޓު ފަހަރުތަކުން މަސްވެރިކަން ކުރަމުން އައިއިރު މަސްވެރިން ތަހައްމަލު ކުރަމުން އައި ހިތްދަތިކަން މަސްވެރިން ހަނދާން ނުނެތޭ. މިކަމަކީ ހާއްސަކޮށް ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ސިނާޢަތް ފުނޑާލުމަށް ވިޔަފާރިވެރިންތަކެއް އަޑީގައި ތިބެގެން ކުރެވުނު މަސައްކަތްތަކެއް. މަސްވެރިކަމުގެ ޢައިލާތައް ބިކަވެދާނެތީ ފުރަތަމަ ދުވަހުން ފެށިގެންވެސް ދެކޮޅު ހެދިން" ނަޝީދު ވިދާޅުވިއެވެ.
ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރީއްޔާ ނިންމެވުމުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކަށްވެސް ވަނީ ރިޔާޢަތްކުރައްވާފައެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން ކަންބޮޑުވުންތަކުގެ ތެރޭގައި ދިވެހި މަސްވެރިންނަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބުމާއި ބޮޑު ކަންނެލި ގަންނަ ވިޔަފާރިތަކުން އަމިއްލަ ބޯޓުފަހަރުގައި ލޭނު މަސްވެރިކަން ކުރުމުން ލޭނު މަސްވެރިކަން ކުރާ މަސްވެރިން ބާނާ މަހަށް ޑިމާންޑު ދަށްވެގެންދިއުން ހިމެނެއެވެ.
ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ރާއްޖޭގައި ރަސްމީކޮށް ލައިސަންސް ދޭން ފެށީ 2012 އަހަރުއެވެ. ނަމަވެސް 2019 ވަނަ އަހަރު ވަނީ ލޭނު މަސްވެރިކަމަށް ހުއްދަ ދިނުން ހުއްޓާލާފައެވެ. ލޭނު މަސްވެރިކަމަށް އަލުން ހުއްދަ ދިނުމުގެ ވާހަކަތައް މިފަހުން ދެކެވެން ފެށުނީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތާއި ގުޅޭ މަޝްވަރާތަކުގެ ތެރެއިންކަން ފާހަގކޮށްލެވެއެވެ.