ޚަބަރު

އަޤްޞާ ތެރޭގައި ޔަހޫދީންގެ ފައްޅިއެއް އަޅަން ގޮވާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި


މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމުގައިވާ މާތްވެގެންވާ މަސްޖިދުލް އަޤްޞާ ތެރޭގައި ފައްޅިއެއް އެޅުމަށް ޔަހޫދީ ދައުލަތުގެ ވަޒީރަކު ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅިގެން ދިވެހި ޚާރިޖީއްޔާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މަސްޖިދުލް އަޤްޞާއަކީ 1.8 ބިލިއަން މުސްލިމުންގެ މުޤައްދަސް އަދި ތަރީޚީ ބިނާއެއް ކަމަށެވެ. އަދި އެތަނަކީ ހަމައެކަނީ އަޅުކަމަށް ބޭނުން ކުރެވޭ ތަނެއް ނޫން ކަމަށާއި އިސްލާމީ ހަޟާރަތުގެ މުހިންމު ބިނާއެއް ކަމަށް ޚަރިޖީ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ދިވެހި ސަރުކާރުން ވަނީ އެތަނުގެ ރައްކާތެރިކަމަށް، ފާސްކުރެވިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށާޢި އަދި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި ޤާނޫނުތަކަށް ތަބާވުމަށް ޔަހޫދީ ދައުލަތައް ގޮވާލާފައެވެ. މީގެ އިތުރުން މިފަދަ ވާހަކަ ތަކަކީ ޢައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅި، އަދި މެދުއިރުމަތީގައި ދީނީ ޚިޔާލުތަފާތުވުންތަކަށް އިތުރަށް ޖާގަދޭނެ ކަންކަމުގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ދިވެހި ސަރުކާރުންވަނީ ޤުދުސްގެ ޤާނޫނީ ހައްޤުވެރިކަމަށް ބަދަލެއް އަތުވެދާނެ މިފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢިން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށް ޤުދުސްގެ މުޤައްދަސް ބިނާތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނަށް ސިޔާދަތީ މިނިވަންކަން ހޯދުމަށް އެކުގައިކަން ފާހަގަކުރައްވާފައެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގައިވާ ގޮތަށް، ފަލަސްތީނުގެ ސިޔާދަތާއި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ގޮވާލާ ގޮވާލުންތަކަށް ވަކާލާތު ކުރަމުންދާނެ ކަމަށާއި އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްއަށް ހެދުމަށް ސަރުކާރުން އަބަދުވެސް ގޮވާލަމުން އަންނަ ގޮވާލުން ތަކުރާރުކުރެއްވިއެވެ.