ޤައުމު ސަލާމަތްކުރުމަށާއި ދިމާވެދާނެ ހާލަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަބަދުވެސް ތައްޔާރަށް ތިބޭނެކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދައިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ރައްޔިތުން ވެރިކަން ހަވާލުކުރެއްވީ 5 އަހަރު ދުވަހަށްކަމަށްވާއިރު އަދި އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި މިހޭދަވީ 9 މަސްކަން ފާހަގަކުރައްވައި ފަލާހު ވަނީ ސިޔާސީ ފަރާތްތަކުން ކެތްތެރިކަން އިސްކުރުމަށް ގޮވާލެއްވިއެވެ.
ފަލާޙް ވިދާޅުވީ، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުންވެސް މީގެ ކުރިން ވެރިކަން ކުރެއްވި ފަރާތްތައް ދޭ އިޤްތިޞާދީ ލަފާ ބޭނުން ނުކުރެވޭނެކަން އެނގިގެންދާ ކަމަށެވެ. އެގޮތުން މަދު ފައިސާކޮޅެއް ހިމަނައިގެން ބަޖެޓުގައި ގިނަ މަޝްރޫއުތައް ހިމަނާފައިވާކަން ފަލާހް ފާހަގަކުރެއްވިއެވެ.
ފަލާޙް ވިދާޅުވީ ބޭންކް މެދުވެރިކޮށް މާލީ ބަޣާވާތެއް ކުރުމަށް މަސައްކަތްކޮށްފައިވަނީ، އިދިކޮޅުން ވެރިކަން ބޭނުންވެގެން ކަމަށެވެ. އަދި އެކަން ކުރުމަށް 3 ފަހަރެއްގެ މަސައްކަތް ކުރިކަމަށް ތުހުމަތުކުރައްވަމުން ފަލާހް ވިދާޅުވީ، ބޭންކުންކުގެ އެ ނިންމުން ނިންމީ ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް އެކަން ނުކުރުމަށް އަންގަވަމުން ދިޔަ ދަނޑިވަޅެއްގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީޙުގެ މެޖޯރިޓީ ލީޑަރު ފަލާޙު ވިދާޅުވީ، މިވަގުތު މަޖިލިސް ޗުއްޓީގައި އޮތްކަމުގައިވީނަމަވެސް ޤައުމު ސަލާމަތް ކުރަން ނިކުންނަން ޖެހުނު ކޮންމެ ހާލެއްގައި އެކަމާ ކުރިމަތިލާން ނިކުތުމަށް މެންބަރުން ތައްޔާރަށް ތިބޭނެކަމަށެވެ.
"އަޅުގަނޑުމެން މަޖިލިސް ރިސެސްގައި އޮތްކަމަށްވިއަސް، އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ބޭއްވޭނެ މިންވަރަށް މި މާލޭގައި އަބަދު ތިބޭނެ. މެންބަރުންނަށް ދެވޭ އެންމެ ކުރު ނޯޓިސްކަމަށްވާ އެއްދުވަސް ދީފައި ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަށް މެންބަރުން ހަމަވާ އަދަދަށް އަބަދުވެސް މާލޭގައި މެންބަރުން ތިބޭނެ " ފަލާޙް ވިދާޅުވިއެވެ.
ޕީއެންސީގެ ޕީޖީ ލީޑަރުގެ ވާހަކަފުޅުގައި މިހާރުގެ މަޖިލީހަކީ ނަމޫނާ މަޖިލީހެއްކަމަށާއި މަޖިލިސް ހިންގަނީ 19 ވަނަ މަޖިލިސް ހިންގި އުސޫލުން ނޫންކަން ފާހަގަކުރެއްވިއެވެ. އަދި އިސްލާމް ދިނާއި ޤާނޫނު އަސާސީއާއި ޤަވާއިދުތަކައް ހުރުމަތްތެރިކޮށް ނުހިތާ އެއްވެސް މެންބަރެއް ނުތިއްބަވާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ މެންބަރުން އަބަދުވެސް ތިބޭނީ މަޖިލީހުގެ މަސައްކަތަށް ނިކުންނަވަން ތައްޔާރަށް ކަމަށެވެ.
ދައުލަތުގެ ނިޒާމުތައް ހަލާކުކޮއްލުމަކީ ދައުލަތައް ޤައްދާރުވުންކަން ކުރީގެ ވެރިން ވިސްނަން ޖެހޭ ކަމަށާއި އެފަދަ ވިސްނުން ގެންގުޅޭ ފަރާތްތަކަކީ ޤައުމަށް އެއްވެސް ލޯތްބެއް އޮތްބައެއް ނޫންކަމަށް ފަލާޙު ސިފަކުރެއްވިއެވެ.