ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހުރިހާ ހިއްސާއެއް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް، އެސް.ޓީ.އޯ އިން ގަނެ މިއަހަރުގެ ނިޔަލަށް އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ. އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މާލީ ވުޒާރާއިން ވަނީ މިކަމާ ގުޅޭ ކަރުދާހެއް ހުށަހަޅުއްވައި މަޝްވަރާކުރައްވުމަށްފަހުގައެވެ.
ސަރުކާރުން ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެ ނިންމެވުން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ރާއްޖޭގެ ޔުޓިލިޓީ ސެކްޓަރ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށް ކަމަށެވެ.
މި ބަދަލު ގެނައުމަށްޓަކައި، އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އެސް.ޓީ.އޯ ގްރޫޕްގައި ޢަމަލުކުރަމުން އަންނަ ގޮތަށް ގަވަރނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ ކުންފުންޏަށް ދިނުމާއެކު ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒް ކުރުންފަދަ ކަންކަމުގެ އިޚްތިޔާރު އެ ކުންފުންޏަށް ދިނުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރުވެސް އެސް.ޓީ.އޯއަށް ދިނުމަށާއި، އެކަން ކުރާއިރު ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުން ހިމެނޭކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.
މީގެ އިތުރުން މި މަރުހަލާ ކުރިއަށް ގެންދިއުމަށް މާލީ ވުޒާރާއާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސް.ޓީ.އޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފެއްދުމަށާއި، މި ބަދަލާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށާއި، މި ބަދަލު ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންގޮސް، މި އަހަރުގެ ނިޔަލަށް، އެސް.ޓީ.އޯ. ގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރެއްވުމުގެ މަސައްކަތްތައް ނިންމުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.