އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް އަންނަ މަހުގެ 12 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ދުނިޔޭގެ މެޕުގައި ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑު ބޯޓުތައް އާއްމުކޮށް ދަތުރުކުރާ ހިސާބެކެވެ. އެހެންކަމުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށިއްޖެ ނަމަ މިއީ އިޤްތިސާދީގޮތުން ރާއްޖެއަށް އެތައް ކުރިއެރުމެއް ލިބޭނެ ކަމެއްގެގޮތުގައި ސަރުކާރުން ދެކެއެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްދެނީ ދުނިޔޭގެ މަޤްބޫލު މުދާ އުފުލާ އަދި ޝިފިންގ މަސައްކަތްތައް ކުރަމުންދާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ. އެކި ސަރަހައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް ފެށުމަށް ދިން ބައެއް ތާރީޚުތަކަށް ބަދަލުއައުމުގެ ސަބަބުތަކުގެ ތެރޭގައި މޫސުން ތަންނުދިނުން ހިމެނޭކަމަށެވެ. ނަމަވެސް މިހާރު މަސައްކަތްކުރަމުންދަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ބަންކަރިންގެ ޚިދުމަތް ފެށުމަށްކަމަށެވެ.
"މިހާރު އަޅުގަނޑުމެން ޓާގެޓް މިކުރަނީ 12 ވަނަ ދުވަހަށް ބަންކަރިންގެ ޚިދުމަތްވެސް ފަށަން. މިއަދު އަޅުގަނޑުމެން ވާހަކަދައްކާއިރު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި ޗެއަރމަންވެސް ރާއްޖޭގައި އެބަހުރި. މި ހަފްތާގައި އަޅުގަނޑުމެން މިބަލަނީ ލައިސަންސްވެސް ލިބޭނެކަމަށް." ސައީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ރިޕޯމްކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ. އެގޮތުން އެގްރިކަލްޗަރ އިކޮނޮމިކް ޒޯންގެ މަސައްކަތް ޑިސެމްބަރ މަހުގެ ތެރޭގައި ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ރާއްޖެއަށް އިމްޕޯޓްކުރާ ގާތްގަނޑަކަށް 10 ބާވަތެއްގެ ތަކެތީގެ %80 ރާއްޖޭގައި ޕްރޮޑިއުސްކުރެވޭނެ ބޮޑު އިންވެސްޓްމަންޓެކެވެ. އެގޮތުން މި އިންވެސްޓްމަންޓްގެ އަގު ގާތްގަނޑަކަށް 200 މިލިއަން ޑޮލަރަށް އަރާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.
އުތުރުގެ ބަންކަރިން ޚިދުމަތް ފޯރުކޮށްދޭ އުޅަނދުތަކަށް އިތުރު ޚިދުމަތްތައް ފޯރުވައިދިނުމަށް އެސްޓީއޯއާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާ ދެމެދުވެސް ފަހުމުނާމާއެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ.