ޚަބަރު

ހަމައެކަނި އިމްތިޚާނުތަކަކުން ފާސްވެގެން ދިރިއުޅުުމަށް ބޭނުންވާ ހުނަރުތަކެއް ނުލިބޭނެ: ވަޒީރު އާދަމް ޝަރީފު


  • ހުނަރުތައް ތަރައްޤީކުރުމަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވި

ހަމައެކަނި އިމްތިޚާނުތަކަކުން ފާސްވެގެން ދިރިއުޅުުމަށް ބޭނުންވާ ހުނަރުތަކެއް ނުލިބޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ވިލާ ހައި ސުކޫލުގެ އަހަރީ އިނާމުދިނުމަށް، ރޭ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސުކޫލުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ކޮންމެ މީހަކަށްވެސް އެ މީހަކު ކުރަން އެންމެ ޝައުޤުވެރިކަން ހުންނަ ދާއިރާއަކުން ކުރިއަށްދިޔުމުގެ މަގު ތަނަވަސްވެފައިވާ ކަމަށެވެ. އެހެންކަމުން ހަމައެކަނި ގަލަމު ތުނޑުން ނުވަތަ ހަމައެކަނި ލިޔެކިޔުމުން ކަމެއް ކުރުމުގެ ބަދަލުގައި މަސައްކަތްތެރިކަން، އިންޖިނިއަރިންގ ނުވަތަ މިނޫން ވެސް އެކި ދާއިރާތަކުން ކިޔެވުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއީ ތަޢުލީމީ ގޮތުން ކުރިޔަށް ދާން ބޭނުންވާ ކޮންމެ ކުއްޖަކު، އަދި ތަޢުލީމީ ގޮތުން އުނގެނެން ބޭނުންވާ ކޮންމެ ބެލެނިވެރިއަކު މިއަދު ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރަން ޖެހިފައިވާ ކަމެއްކަމަށެވެ.

"ތެދުފުޅެއް އަޅުގަނޑު ވެސް ވަރަށް އުފާވެ އަޅުގަނޑުގެ ދަރިއެއް ޑޮކްޓަރަކަށްވީމަ. އަޅުގަނޑު ވެސް ވަރަށް އުފާވެ އަޅުގަނޑުގެ ދަރިއެއް ޕައިލެޓަކަށް ވީމަ. އެކަމަކު މިއަދު ދިވެހިރާއްޖޭގައި ޤަބޫލުކުރަން ޖެހޭ އަނެއް ޙަޤީޤަތަކީ މިދެންނެވި ދާއިރާތަކުން ކިޔެވިކަމަށް ވިޔަސް ރާއްޖޭގެ ޖޮބް މާކެޓްގައި ކަންކަން ހުރި ގޮތަށް ވިސްނައިގެން އެފުރުޞަތު ހޯދައިދޭން މަސައްކަތް ނުކުރާ ކަމަށްވާ ނަމަ އަލުގަނޑުމެން އުނގެނުމުގައި، އެ ދަސްކުރާ އެއްޗެއްގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި އޭގެ ބޭނުންކުރުމުގެ ފުރުޞަތު ދިވެހިރާއްޖޭގައި ހަނިކަން" އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ކުލަގަދަ ރަސްމިއްޔާތެއްގެ ގޮތުގައި ރޭ ބޭއްވި "ވިލާ ހައި ސުކޫލުގެ ޕްރައިޒް ޑޭ 2024" ގެ ހުރިހާ ގޮތަކުންވެސް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ގްރޭޑް 12ގެ ދަރިވަރު އަޙްމަދު ޒާހް ވަދީފެވެ. އޭނާއަށް ސެޓްފިކެޓާއި ޓްރޮފީއާއި ވިލާ ގްރޫޕުގެ ވެރިޔާ ޤާސިމް އިބްރަހީމް ދެއްވާ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ އިނާމު ޙަވާލުކޮށް ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.