ޚަބަރު

ގިނަ އަދަދެއްގެ ޢިލްމުވެރިންނާއެކު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި


  • މި ބައްދަލުވުން ކުރިއަށްދާނީ މިރޭގެ ނިޔަލަށް

  • ގިނަ އަދަދެއްގެ އިލްމުވެރިން ބައިވެރިވޭ

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމްކުރާ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ.

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ކުރިއަށްދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޖަމްޢިއްޔަތު ތުފޫދުލް ޙަރަމްގެ ރައީސް ދުކްތޫރު ޙަމްދާން ބިން ޙުމައިދު ބިން ބުރައިކް އައްސުލަމީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއަހަރު މި ބައްދަލުވުން ބާއްވަނީ ތަފާތުކޮށް ކަމަށެވެ. އެގޮތުން މި މަހާސިންތާގެ މަޤްޞަދަކީ ޢިލްމުވެރިންނާއެކު މަޝްވަރާކޮށް، ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުން ކަމަށެވެ.

" ރާއްޖޭގެ ދީނީ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރުން، ސަރުކާރަށް އެބަ ބޭނުންވޭ މިނިސްޓްރީއަށް ބޭނުންވޭ ތި ބޭފުޅުންގެ ރަޢުޔު، ގެންނަންވީ އިސްލާހުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އިޖްތިމާއީ އަދި އިޤްތިސާދީ ކަންތައްތަކާއި ގުޅޭގޮތުންވެސް މި މަހާސިންތާގެ ސެޝަންތަކުގައި މަޝްވަރާކުރެވޭނެ ކަމަށެވެ. އަދި އިސްލާމީ ތަސައްވުރެއް އެކުލަވާލުމަށްވެސް މި މަހާތިންސާގެ ސަބަބުން އެހީތެރިވެދޭނެކަމަށް ވަޒީރު ޑރ. ޝަހީމު ވިދާޅުވިއެވެ.

" އެބަ ޖެހޭ ސްޓްރެޓެޖިކް މަޝްވަރާތަކެއް ކުރަން، އެގޮތުން އިސްލާމީ ތަސައްވުރެއް އެކުލަވާލެވިފައި އޮންނަން ޖެހޭ، މިއީ ކޮންމެ ސަރުކާރެއް އޮތަސް އިސްމާލިކް މިނިސްޓްރީއިން ކުރިއަށްދާނެ ތަސައްވުރެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ ވުޒާރާއިން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިއްމު ބަޔަކީ ދީނީ ޢިލްމުވެރިންކަމަށާއި އެކަންކަމުގައި ޢިލްމުވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ދީނީ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ބައިވެރިވެއެވެ. ޢިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއުތަކަށް ބަޙުޘްކުރުމާއި ތަފާތު މަޢުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭގެ ނިޔަލަށެވެ.