ޚަބަރު

ބާ ކައުންސިލުން އޭޖީ ވަކިކުރުމަށް އެކައުންސިލުން ތާޢީދު، ބިލު ފާސްކުރަން ކޮމިޓީން ނިންމައިފި


  • ބަންޑާރަ ނައިބު އިންނެވުމުން ކައުންސިލްގެ މިނިވަންކަން ގެއްލޭކަމަށް މެންބަރުން ދެކެވަޑައިގަންނަވާ

ބާ ކައުންސިލުން ބަންޑާރަ ނައިބު ވަކިކުރުމަށް އެކައުންސިލުންވެސް ތާޢީދު ކުރުމާއެކު ބިލު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

ޖުޑީޝަރީ ކޮމިޓީން ވަނީ ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލާ ގުޅޭގޮތުން ބާ ކައުންސިލްގެ ޚިޔާލު ހޯދުމަށް އެ ކައުންސިލްގެ މެންބަރުން މަޖިލީހަށް ހާޒިރުކުރައްވާފައެވެ. މި އިސްލާހުގައިވާގޮތުން ބާ ކައުންސިލްގެ އެކްސްކޯއިން ބަންޑާރަ ނައިބު އުނިކުރެވޭނެއެވެ.

ބާ ކައުންސިލްގެ އެކްސްކޯ މެންބަރުން ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުމުން އެ ކައުންސިލްގެ ރައީސް ހުސެއިން ސިރާޖު ވިދާޅުވީ ސަރުކާރުގެ ފަރާތުން ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައުމަށް ހުށަހަޅުއްވާފައިވާ އިސްލާހާގުޅޭ މައުލޫމާތު ބަންޑާރަ ނައިބު އަހުމަދު އުޝާމް ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ އިސްލާހުގައި ހުރި ކަންކަމަށް ކައުންސިލްގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ބަންޑާރަ ނައިބު ބާ ކައުންސިލްގެ އެކްސްކޯގައި އިންނެވުމުން ކައުންސިލްގެ މިނިވަންކަން ގެއްލޭކަމަށް މެންބަރުން ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތް ކުރާ ބައެއް ވަކީލުންވެސް އެކައުންސިލްގައި ހިމެނިވަޑައިގަންވާއިރު ބަންޑާރަ ނައިބު އިންނެވުމުން ރައުޔު ހާމަކުރުމުގައި ދަތިވާކަމަށްވެސް ވިދާޅުވިއެވެ.

"ބާ ކައުންސިލްގެ ގިނަ މެންބަރުން ގަބޫލު ކުރައްވާ ދައުލަތުގެ ބަންޑާރަ ނައިބު އެކްސްކޯގައި އިންނެވީމަ އޭގެ މިނިވަންކަން ކޮމްޕްރަމައިޒް ވާ ކަމަށް،" ބާ ކައުންސިލްގެ ރައީސް ސިރާޖު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ކައުންސިލުގައި އިންނެވުމުން މިނިވަންކަން ގެއްލުމުގެ އިތުރުން މަގާމުގެ މަސްއޫލިއްޔަތުގެ ސަބަބުން ބައްދަލުވުންތަކަށް ހާޒިރުވެވަޑައިނުގެންވި ދަތިތަކާ ދިމާވާ ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ބާ ކައުންސިލުން ބަންޑާރަ ނައިބު ވަކިވި ނަމަވެސް ދައުލަތުގެ ފަރާތުން ބޭނުންވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ބަންޑާރަ ނައިބު އުޝާމް ދެއްވާފައިވާ ކަމަށެވެ.