ޚަބަރު

17 ދުވަސްތެރޭ ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން


  • 17 ދުވަސްތެރޭ ރާއްޖެއަށް ވަނީ 109415 ފަތުރުވެރިން ޒިޔާރަތްކޮށްފައި

  • މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 95196 ފަތުރުވެރިން

  • އަދަދުތަކަށްވަނީ %14.9ގެ ކުރިއެރުމެއް ލިބިފައި

17 ދުވަސްތެރޭ ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 109415 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 95196 ފަތުރުވެރިންނާއި އަޅާ ބަލާއިރު %14.9 އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1.1 މިލިޔަން ފަތުރުވެރިންނެވެ. އެހެންކަމުން ފަތުރުވެރިންގެ އަދަދަށް ވަނީ %10.4 ކުރިއެރުމެއް ލިބިފައެވެ.

ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، ބޮޑު ތަފާތަކާއެކު އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޤައުމުތައް:

• ޗައިނާ - 184632 ފަތުރުވެރިން
• ރަޝިއާ - 139308 ފަތުރުވެރިން
• އިނގިރޭސިވިލާތް – 112656 ފަތުރުވެރިން
• އިޓަލީވިލާތް – 95982 ފަތުރުވެރިން
• ޖަރުމަންވިލާތް – 91868 ފަތުރުވެރިން

ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.

ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހު އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 6436 ގައެވެ. ފާއިތުވި 4 މަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިން އަދަދުތައް ހުރީ 6000 އިން ދަށުގައެވެ.

ސަރުކާރުން ވަނީ މިއަހަރު 2 މިލިޔަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ހެދުމަށް އަމާޒެއް ކަނޑައަޅުއްވާފައެވެ.