ޚަބަރު

ފްލިގީއާ އެކު ދިވެހި ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް ލިބޭނެ: ވަޒީރު ފައިޞަލް


  • ފްލިގީއާއި އެމްއެމްޕީއާރްސީއާ ގުޅިގެން މަސައްކަތްކުރަން ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައި

  • މި އެއްބަސްވުމުގެ ތެރެއިން ޗައިނާގެ އެތެރޭގައި ފްލިގީއާއި ގުޅިގެން މާކެޓިން ހަރަކާތްތައް ހިންގާނެ

ޗައިނާގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ، ފްލިގީއާއެކު ވެވުނު އެއްބަސްވުމާއެކު ދިވެހި ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު ފައިސަލް މިހެން ވިދާޅުވީ، ފްލިގީއާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީއާ ދެމެދު ގުޅިގެން މަސައްކަތްކުރުމަށް ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ވިލާ ނޯޓިކާ ރިސޯޓުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހީމް ފައިޞަލްއެވެ. މި ރަސްމިއްޔާތުގައި ސޮއިކުރި އެއްބަސްވުމުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ. އަދި ފްލިގީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ވައިސް ޕްރެޒިޑެންޓް ޓޮންގް ޓެންގް އެވެ.

މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވީ ފްލިގީ ފަދަ ބޮޑު ޕްލެޓްފޯމަކާއެކު މަސައްކަތް ކުރަން ފެށުމުން ދިވެހި ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އަދި މި އެއްބަސްވުމުގެ ބޭނުން ދިވެހި ވިޔަފާރިތަކުން ފުރިހަމައަށް ހިފުމަށް ވަޒީރު ގޮވާލެއްވިއެވެ.

މި ރަސްމިއްޔާތައްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، ޗައިނާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް މި ސޮއިކުރި އެއްބަސްވުމާއެކު އެޤައުމުގެ 5 ސިޓީއެއްގައި މިއަހަރު ހަރަކާތްތައް ރޭވިގެން ކުރިއަށްގެންދާނެކަމަށެވެ.

"މިއަހަރު ތެރޭ ޗައިނާގެ ފަސް ސިޓީއެއްގައި މާކެޓިން ހަރަކާތްތައް ކުރިއަށް ގެންދެވޭނެ. މީގެ ސަބަބުން މިހާރު ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައެއް އިތުރުވެގެންދާނެ" ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.

އެއްބަސްވުމުގެ ދަށުން ޗައިނާގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާޙިމް ޝިއުރީ ވިދާޅުވީ، މި އެއްބަސްވުމާއެކު ޗައިނާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދުން ތަފާތު ފެނިގެންދާނެކަމަށެވެ.

"ޗައިނާގަ ބޭނުން ކުރަނީ ޓްރެޑިޝަނަލް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ބަދަލުގައި ބޮޑަށް އަމިއްލަ ޕްލެޓްފޯމްތައް. އެހެން ކަމުން ޗައިނާގަ ބޭނުން ކުރާ ޕްލެޓްފޯމެއްގައި އެމީހުންގެ ބަހުން ރާއްޖެ އިޝްތިހާރު ކުރެވެމުން ވަރަށް ބޮޑު ބަދަލެއް ފެނިގެންދާނެ" ޝިއުރީ ވިދާޅުވިއެވެ.

ފްލިގީއާއި އެމްއެމްޕީއާރުސީއާ ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ މާކެޓުގައި ރާއްޖެ އަކީ އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. މިއާއެކު ފްލިގީއިން އޮންލައިންކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ޚާއްސަ ސްޓްރީމްތަކެއް ކުރާނެއެވެ. އަދި ޗަައިނާ ބަހުން ރާއްޖޭގެ އިޝްތިހާރުތައް ފްލިގީގެ އޮންލައިން ޕްލެޓްފޯމުގައި ދައްކާނެއެވެ.

ފްލިގީއާއި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރެވުނު އިރު، މިދިޔަ މޭ މަހު ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އަލީބާބާ ހެޑްކުއާޓަރގައި ފްލިގީއާއެކު ބޭއްވި ބައެއްދަލުކުރެއްވުމުގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ފްލިގީއަކީ 400 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުން ކުރަމުންދާ ޗައިނާގެ އަލިބާބާ ގްރޫޕުގެ އޮންލައިން ޓްރެވެލް އޭޖެންސީއެވެ.