ގަސްތުގައި ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ޑޮކްޓަަރީ ބޭސް ވިއްކާ ފަރާތަކަށް ދަޢުވާކުރުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީސް، ޕީޖީއަށް ހުށައަޅައިފިއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ނެރުނު ބަޔާނެއްގައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑޮކްޓަރީ ބޭސް ވިއްކާ ފަރާތެއް ކަމަށްވާ ޙުސައިން ޢިރުފާން، ގަސްދުގައި ޓެކުހަށް މަކަރުހެދިކަމަށް ތުހުމަތުކުރެވޭތީ، އެމައްސަލަ ތަޙުގީގުކޮށް ޖިނާއީ މައްސަލައެއްގެ ގޮތުގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވާ ކަމަށެވެ.
މީރާގެ ބަޔާނުގައި ހާމަކުރިގޮތުގައި މިމައްސަލަ ބަލަން ފެށީ، ޙުސައިން ޢިރުފާންގެ ހޯލް ސޭލް ވިޔަފާރިއެއް ކަމަށްވާ "މައި ކެމިސްޓް ގޯޑައުން"ގެ، ޓެކްސް އަހަރު 2018 އަދި 2019 އަށް ހުށައަޅާފައިވާ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ބަޔާންތަކާއި ޓެކްސް އަހަރު 2020 އަށް ހުށައަޅާފައިވާ އިންކަމް ޓެކްސް ބަޔާނުގައި ދޮގު މަޢުލޫމާތު ހިމަނާފައިވުމާއެކު އެކަން ކޮށްފައިވަނީ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައިކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ.
މީރާގެ ބަޔާނުގައިވަނީ ޙުސައިން ޢިރުފާނުގެ ހޯލް ސޭލް ވިޔަފާރި ކަމުގައިވާ "މައި ކެމިސްޓް ގޯޑައުން"އިން ހުށައެޅި ޓެކްސް ބަޔާންތަކުގައި ޖެހިޖެހިގެން 3 އަހަރު ވިޔަފާރިއަށް ލިބުނު އާމްދަނީ ހިމަނާފައިނުވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން 2018، 2019، އަދި 2020ގައި އެވްރެޖްކޮށް އަހަރަކު 53 މިލިޔަން ރުފިޔާގެ އާމްދަނީއެއް އެ ވިޔަފާރިއަށް ލިބޭކަން ފާހަގަކުރެވިފައިވާ ކަމަށާއި ނަމަވެސް އެ އާމްދަނީގެ އެއްވެސް މަޢުލޫމާތެއް މައި ކެމިސްޓް ގޯޑައުންގެ ޓެކްސް ބަޔާނުގައި ހިމަނާފައިނުވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމަށް މީރާއިން ވިދާޅުވިއެވެ.
މީރާއިން ބުނީ ތަޙުޤީޤުގެ ތެރެއިން ކުރިއަށްގެންދިޔަ އޮޑިޓުތަކުގައި 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޓެކްސްގެ ގޮތުގައި އިތުރަށް ދެއްކުމަށް ޙުސައިން ޢިރުފާނަށް އަންގާފައިވާ ކަމަށެވެ.
ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މަހަކު 2.4 މިލިޔަނަށްވުރެ ބޮޑު އާމްދަނީއެއް ކުންފުންޏަކަށް ލިބޭނަމަ، ކުންފުންޏަށް ލިބޭ އާމްދަނީގެ 15 އިންސައްތަ، އިންކަމް ޓެކުހުގެ ގޮތުގައި މީރާއަށް ދައްކަންޖެހޭނެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގައި އޮންނަ ގޮތުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް އެނގިހުރެ ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސްކަމެއް ކުރުމަކީ ކުށެކެވެ.
މީރާއިންވަނީ އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދާކަމަށް ޝައްކު ކުރެވޭނަމަ އެ މަޢުލޫމާތު ޙިއްސާކުރުމަށް އިލްތިމާސްކޮށްފައެވެ.