ޚަބަރު

100އަށްވުރެ ގިނަ ބައިވެރިންނާއެކު ޑެސްޓިނޭޝަން އައްޑޫ ސަމިޓު ފަށައިފި


  • މި ސަމިޓަކީ އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރެވޭ މަސައްކަތެއް

  • ހުރަސްތަކާއި ދަތިތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ

"ޑެސްޓިނޭޝަން އައްޑޫ ސަމިޓު" އައްޑޫ އިކުއޭޓަރ ވިލެޖުގައި ފަށައިފިއެވެ.

110 ބައިވެރިންނާއެކު ފެށި މި ސަމިޓަކީ އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ހުރި ހުރަސްތަކާއި ދަތިތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ޑެސްޓިނޭޝަން އައްޑޫ ސަމިޓް: ވަން ބްރޭންޑް ވަން ސްޓޯރީ"ގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ކަމާއި ގުޅުން ހުރި ފަރާތްތަކުން ބައިވެރިވެއެވެ.

މިފަހަރުގެ ސަމިޓުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާޙީމް ފައިސަލް އަދި ސިޓީތަކާއި، އިދާރީތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވަނީ އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް އެ ސިޓީގެ ރައްޔިތުން ނިކުތުމަށް ގޮވާލައްވާފައެވެ. އަދި މި މަސައްކަތުގައި ބޭނުންވާ އެހީތެރިކަން ކައުންސިލުން ދޭނެ ކަމުގެ ޔަޤީންކަން ނިޒާރު ވަނީ ދެއްވާފައެވެ.

"މިއަށްވުރެ އަގުހެޔޮކޮށް ޓޫރިޒަމަށް ފަތުރުވެރިކަމަށް ބިން ދޫކުރާ ތަނެއް ނެތް، ކައުސިލުންވެސް ސަރުކާރާއި ގުޅިގެންވެސް ގިނަ މަސައްކަތްކުރަމުން، އެކަމަކު އަދިވެސް ފެންނަނީ އަޅުގަނޑުމެންގެ ހިއްސާ ރައްޔިތުންގެ ހިއްސާ، އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ ހިއްސާ މަދުވާތަން، އެ ހިއްސާ އައިސްގެން އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރެވޭނީ،" މެޔަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ މާލެއަށް ބަރޯސާވެގެން އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީ ނުކުރެވޭނެކަމަށާއި، ފަތުރުވެރިން އައްޑޫއަށް އަންނަން ޖެހޭ ސަބަބުތަކެއް ދައްކަންޖެހޭކަމަށެވެ.

"އައްޑޫއަކީ މާލެއާއި ދުރުތަނެއް، ގަޑިއެއްހާ އިރު ފްލައިޓުން ދަތުރުކޮށްގެން އާދެވެނީ، އައްޑޫއަށް އަންނަން ޖެހޭ ސަބަބެއް ފަތުރުވެރިންނަށް ނުފެނޭ، އުފައްދަން ޖެހެނީ އައްޑޫއަށް އަންނަ ޖެހޭ ސަބަބެއް، މާލެއަށް ބަރޯސާވެގެން އައްޑޫގެ ފަތުރުވެރިކަން ކުރިއަށް ނުދާނެ، އައްޑޫއަށް ފްލައިޓުތައް ގެންނަން ޖެހޭ އެކަމަށް އެނދު ބޭނުންވޭ،" މެޔަރ ވިދާޅުވިއެވެ.

އައްޑުއަކީ ތިން ރިސޯޓްގެ އިތުރުން ގެސްޓްހައުސްތަކެއް ހިންގަމުން އަންނަ ސިޓީއެކެވެ. އަދި އައްޑޫގައި ޓޫރިޒަމް ތަރައްގީކޮށް ފުޅާކުރަން ތަފާތު ޕްރޮޖެކްޓްތައް ރޭވިފައި އެބަހުއްޓެވެ. އޭގެ ތެރޭގައި އައްޑޫގެ ޓޫރިޒަމް ޒޯންތަކާއި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫޢު ހިމެނެއެވެ. މީގެއިތުރުން އައްޑޫން ހިއްކާފައިވާ ތިން ރަށެއްގައި ޓޫރިޒަމްގެ ޕްރޮޖެކްޓްތަކެއް ހިންގުމުގެ އިތުރުން އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓެއްވެސް އެ ސިޓީގައި ހިންގުމަށްވެސް ވަނީ ރާވާފައެވެ.