ޚަބަރު

މިދިޔަމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދު ދެގުނަ އިތުރު


  • ޖުލައިމަހު މުދަލު ޒަކާތުގެގޮތުގައި 15.5 މިލިއަން ރުފިޔާ ލިބިފަވޭ

  • މިދިޔަ އަހަރުގެ ޖުލައިމަހު ލިބިފައިވަނީ 7.3 މިލިއަން ރުފިޔާ

  • އަހަރުގެ މިހާތަނަށް 66.3 މިލިއަން ރުފިޔާ ލިބިފަވޭ

މިދިޔަމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދު ދެގުނަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާގެ މިދިޔަ ޖުލައިމަހުގެ މާލީ ރިޕޯޓުގައިވާގޮތުން އެމަހުގެ ތެރޭގައި މުދަލު ޒަކާތުގެގޮތުގައި 15.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ ޖުލައިމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 7.3 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، %112 އިތުރު އަދަދެކެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ވެފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ވަނީ 66.3 މިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 58.6 މިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ %13.1 އިތުރު އަދަދެކެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9353.40 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ.

އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ. 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ.