ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފޮރިން އިންވެސްޓްމަންޓް ބިލަކީ 45 އަހަރު ވެފައިވާ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނަށް ގެނެވޭ ޒަމާނީ ބަދަލެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފޮރިން އިންވެސްޓްމަންޓް ބިލަކީ 1979 ވަނަ އަހަރު ޢަމަލުކުރަން ފެށި ފޮރިން އިންވެސްޓްމެންޓާބެހޭ ޤާނޫނުގެ ބަދަލުގައި، އައު ޒަމާނީ ޤާނޫނެއް ތަޢާރަފް ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލެކެވެ.
މި ބިލާއި ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވަޒީރު ސައީދު ވިދާޅުވީ، މި ބިލަކީ 45 އަހަރު ވެފައިވާ ޤާނޫނަކަށް އަންނާޏެ ހެޔޮ ބަދަލެއް ކަމަށެވެ. އެގޮތުން މިބިލުން އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކޮށްދީ ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.
މި ބިލުގެ މަޤްސަދަކީ ދިވެހި ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެ ދާއިރާތައް ކަނޑައެޅުމުގެ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ލައިސެންސް ދިނުމާއި، އެފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަށް ކަށަވަރުކުރުމެވެ. މީގެ އިތުރުން އިންވެސްޓްމެންޓް ދައުލަތަށް ނެގުމާއި އެއަށް ބަދަލު ދިނުމަށް ހަރުދަނާ އުސޫލްތަކެއް ޤާއިމް ކުރުމަކީވެސް މީގެ މަޤްސަދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ފޮރިން އިންވެސްޓްމެންޓް ބިލު އެކުލަވާލިއިރު، އިންވެސްޓަރުން ހިމާޔަތްކޮށްދީ އިންވެސްޓްމެންޓް ރައްކާތެރިކުރުމަށް ހާއްސަ މާއްދާތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން މި ބިލުގައި ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ އިންވެސްޓްމަންޓްތަކާއި އެ އިންވެސްޓްމަންޓުގެ ފައިދާއަށް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންވާކަމާއި، އިންވެސްޓްމަންޓްތަކާއި ގުޅިގެން ޢަމަލުކުރަންވާނީ ދެފުށް ފެންނަ ހާމަކަންބޮޑު ސިޔާސަތެއްގެ ދަށުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި، ޤާނޫނާއި ޚިލާފުވާ ޙާލަތުގައި ޢަމަލުކުރާނެ ގޮތުގެ ޢިޖުރާއަތު މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލުގައި އިންވެސްޓް ކުރާ ފަރާތްތަކުގެ މާލީ ޤާބިލީއްޔަތުކަށް ކަށަވަރުކުރަން ލާޒިމްކުރާއިރު، އިންވެސްޓްމެންޓަށް ބަދަލު ދިނުމުގައި މާކެޓު ވެލިއުއަށް އިސްކަން ދިނުމަށްވެސް ބިލުގައިވެއެވެ.