ކުރިއަށް އޮތް ދެދުވަހު މޫސުން އެންމެ ގޯސްވާނީ ދެކުނުގެ އަތޮޅުތަކަށްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެހެން ހިސާބުތަކަށްވުރެ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެ ސަރަހައްދަށް ވައިޖެހޭނެކަމަށް ލަފާކުރެވެނީ 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށާއި، ވިލާގަނޑުގައި 40 މޭލަށްވުރެ ބާރު މިނުގައި ވައިޖެހޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މާދަމާވެސް ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އެ ސަރަޙައްދަށް މިއަދަށްވުރެ ވައި ގަދަވާނެ ކަމަށެވެ. އަދި އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތު އުދަ އެރުމަކީވެސް އެކަށީގެންވާކަމެއްކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލެއްވެސް ނެރެފައެވެ. ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 1:45 އިން އިރުއޮއްސި 6 ޖެހުމާހަމައަށެވެ. މި ސަމާލުގައި ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސްވަނީ ލަފާކޮށްފައެވެ.
Alert White for heavy rain and thunderstorms with gusts of 40 mph. pic.twitter.com/k491GOJAN0
— Maldives Meteorology (@MetMaldives) August 14, 2024
މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ އެކި ހާދިސާތައްދަނީ ހިނގަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދައެވެ.
މިކަމާ ގުޅިގެން ދިމާވެދާނެ ކާރިސާއަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅައިގެން ތިބުމަށް ކަމާބެހޭ އިދާރާތަކުންވަނީ އިލްތިމާސްކުރައްވާފިއެވެ.